ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބުގައި އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދަވާފައިވާ ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް، ޖޯ ބައިޑަންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ބައިޑަންއާ ފުރަތަމަ ފަހަރަށް މަޝްވަރާ ކުރެއްވި ކަން މޯދީ އިއުލާން ކުރެއްވީ ޓްވިޓާ މެދުވެރިކޮށެވެ.

ބައިޑަންއަށް މަރުހަބާ ވިދާޅުވުމަށް ފަހު ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ސުރުހީވެސް މޯދީ ވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން، މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަހައްދުގައި އޮތް ދޭދޭ މަސްލަހަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މޯދީ ވަނީ ހާމަ ކުރައްވާފައެވެ.

ބައިޑަންގެ ޓްރާންސިޝަން ޓީމުން ވަނީ، އިންޑިއާއާއި އެމެރިކާގެ އިސްތިރާޖީ ގުޅުންތަކާ ބެހޭ ގޮތުން ދޭދޭ ލީޑަރުންގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންދެވިކަން ހާމަ ކޮށްފައެވެ.

އެގޮތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި، ކުރިއަށް އޮތް ތަނުގައި ކުރިމަތިލާން ޖެހިދާނެ ސިއްހީ ކާރިސަތާ ދެކޮޅަށް ދިފާއު ހޯދުމާއި، މޫސުމީ ނެދެވޭ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލުމާއި، އިގުތިސޯދު އާރާސްތު ކުރުމުގެ މަޝްރޫއު ފެށުމާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ކުރިއެރުން ކަށަވަރު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރާއެކު މަސައްކަތް ކުރުމަށް ބައިޑަންގެ ސަރުކާރު އޮތީ އިންތިޒާރުގައި ކަމަށް ބައިޑަންގެ ޓްރާންސިޝަން ޓީމުން ބުނެއެވެ.

އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތްތެރިކަމާއި ކުރިއެރުމާއި ތަރައްގީ އަކީ އެމެރިކާގެ އަދުގެ ސަރުކާރުގެ ފަލްސަފާއެއް ނަމަވެސް، ބައިޑަންގެ ސަރުކާރުންވެސް މިކަމަށް ހާއްސަ އިޖާބައެއް ދެއެވެ. މި ސިޔާސަތަކަށް ދިވެހިރާއްޖެއިންވެސް ހާއްސަ ސަމާލުކަމެއް ދޭ ސިޔާސަތެކެވެ.