ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ނުފޫޒުގަދަ 2 ވަޒީރުން ކަމަށްވާ ހާރިޖީ ވަޒީރާއި ދިފާއީ ވަޒީރާ، އިންޑިއާގެ ދިފާއީ އަދި ހާރިޖީ ވަޒީރާ ދެމެދު ކުރިއަށް ގެންދިޔަ 2+2 ގެ މަޝްވަރާތައް ނިންމާލައިފިއެވެ.

2 ދުވަހުގެ މުއްދަތަށް އިންޑިއާގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމާލާފައިވަނީ ޕާކިސްތާނަށް ދިން ވަރުގަދަ މެސެޖަކާއެކުގައެވެ. މިމަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރެއްވީ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއާއި ދިފާއީ ވަޒީރު މާކް އެސްޕާއެވެ. އިންޑިއާ ތަމްސީލު ކުރެއްވީ ދިފާއީ ވަޒީރު ރާޖުނާތު ސިންހްއާއި ހާރިޖީ ވަޒީރު އެސް ޖައިޝަންކަރެވެ.

2+2 ގެ ނަމުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު އިންޑިއާއާއި އެމެރިކާއިން އާންމުކުރި ގުޅިފައިވާ ބަޔާނުގައި، ޓެރަރިޒަމްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނަށް ވަނީ ގޮވާލާފައެވެ. އަދި ޕާކިސްތާނުގެ ފަސްގަނޑަކީ ޓެރަރިސްޓް ހަމަލާގެ ބޭނުމަށް އޮތް ތަނެއް ނޫންކަން ކަށަވަރު ކުރުމަށްވެސް އިންޑިއާއާއި އެމެރިކާއިން ވަނީ ޕާކިސްތާނަށް ގޮވާލާފައެވެ.

ޓެރަރިސްޓް ޕްރޮކްސީން ބޭނުން ކުރުން ކުށްވެރި ކުރާ ކަމަށާ، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ހުރިހާ އަމަލެއްވެސް ކުށްވެރި ކުރާ ކަމަށް ގުޅިފައިވާ ބަޔާނުގައިވެއެވެ. އަލްގައިދާ، އައިސިސް، ލަޝްކަރޭ ތޮއިބާ، ޖާއިޝީ މުޙައްމަދު އަދި ހިޒްބުލް މުޖާހިދީންވެސް ހިމެނޭ ފަދައިން، ޓެރަރިސްޓް ހުރިހާ ނެޓްވޯކަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހިފައި ވާ ކަމަށްވެސް މި ބަޔާނުގައި ބާރުއަޅާފައިވެއެވެ.

2+2ގެ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައި އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ ޗައިނާއަށްވެސް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވާފައެވެ. އެގޮތުން ޗައިނާގައި ވެރިކަން ކުރަމުން އަންނަ ކޮމިއުނިސްޓް ޕާޓީއަކީ ޑިމޮކްރަސީގެ "ރަހުމަތްތެރިއެއް" ނޫން ކަމަށް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.

މަޝްވަރާތަކާ ގުޅިގެން އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ ހުރިހާ މިސްރާބަކުންވެސް ކާމިޔާބު ހާސިލުވެފައި ވާ ކަމަށާ، މި ކަންކަމަކީ އިންޑިއާއާއި އެމެރިކާގެ މަސްލަހަތުވެސް އެކުލެވޭ ކަންތައްތަކެއް ކަމަށެވެ. އެމެރިކާއާއި ގުޅުން ބަދަހި ކުރުމަކީ ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި އިސްތިރާޖީ ގޮތުން މުހިންމު ކަމެއް ކަމަށްވެސް އިންޑިއާގެ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ މަގާމު ކަށަވަރު ކުރުމަށް ފައިވިއްދައިގެން އޮތް ޗައިނާގެ އެންމެ ވަރުގަދަ 2 އަދުވުންގެ ދެމެދުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސިލްސިލާ މަޝްވަރާތަކުގައި މައިގަނޑު 5 އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި، ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް (ބެކާ) އެއްބަސްވުންވެސް ހިމެނެއެވެ.

އިންޑިއާއާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދިޔަ އިސް ވަޒީރުންގެ ފެންވަރުގެ މަޝްވަރާތައް ނިންމާލަފައި ވަނީ، 2023 ވަނަ އަހަރު އޮންނަ އިންޑޯ-ޕެސިފިކް އާމީޒް ޗީފްސް ކޮންފަރެންސް (އައިޕެކް)ގެ ކޯ-ހޮސްޓަކީ އިންޑިއާކަން އިއުލާން ކުރަމުންނެވެ.

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް އެމެރިކާގެ އިސް ވަޒީރުން މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ 2 ވަނަ ލެގްގައި އޮތީ ސްރީލަންކާއެވެ.