ދިފާއީ ރޫހަކާ ގުޅިފައިވާ ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް (ބެކާ) ގައި އެމެރިކާއާ އެކު ސޮއި ކުރާނެ ކަން، އަވަށްޓެރި އިންޑިއާއިން ކަށަވަރު ކޮށްދީފިއެވެ.
"ބެކާ" އެއްބަސްވުމުގައި އިންޑިއާއިން ސޮއި ކުރާނެ ކަން ކަށަވަރު ކޮށްދީފައި ވަނީ، އެ ގައުމަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އެމެރިކާގެ އިސް ވަޒީރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ސެކްރެޓަރީ އޮފް ޑިފެންސް މާކް އެސްޕާއާއި އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންހްއާ ދެމެދު ރޭގެ ވަގުތެއްގައި ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައި ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
އިންޑިއާއާއި އެމެރިކާއިން މިހާރުވެސް ވަނީ ދިފާއީ އިމުގެ ތެރެއިން 2 އެއްބަސްވުމެއް އެކުލަވާލާފައެވެ. 2016 ވަނަ އަހަރު ސޮއިކުރި "ލެމޯއާ" އަކީ އެ ގައުމުގައި ހުރި މުހިންމު އެސެޓްތައް އަނެއް ބައިވެރިޔާއަށް ބަޔާންކޮށްދޭ ދަރަޖައަށް އިތުބާރު އުފައްދަނިވި އެއްބަސްވުމެކެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރި "ކޮމްކާސާ" އެއްބަސްވުމަކީ، ދެ ގައުމުގެ އަސްކަރިއްޔާއާ ދެމެދު އެންކްރިޕްޓް ކޮށްގެން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވާ ދަރަޖައަށް އިތުބާރު ގާއިމުކުރި އެއްބަސްވުމެކެވެ. ކުރިއަށް އޮތް "ބެކާ" އެއްބަސްވުމަކީ، މަތީ ދަރަޖައިގެ ސިއްރު މައުލޫމާތު، އެއްވެސް ކަމެއް ގުރުބާން ކުރަން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު ހިނދުން ހިނދަށް ފޯރުކޮށްދިނުމަށް ބާރުދޭނެ އެއްބަސްވުމެކެވެ.
އެމެރިކާގެ ދިފާއީ ވަޒީރު އެސްޕާ މިވަގުތު އިންޑިއާއަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނީ، ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއާ އެކު، އިންޑިއާގެ ވަޒީރުންނާއެކު ކުރިއަށް ގެންދަވާ "2+2"ގެ މަޝްވަރާތަކަށެވެ. މިއަދުގެ ނިޔަލަށް ކުރިއަށްދާ މަޝްވަރާތަކުގައި، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރާއި ދިފާއީ ވަޒީރު ރާޖުނާތު ސިންހް އިސް ދައުރެއް އަދާކުރައްވާނެއެވެ.
އިންޑިއާއާއި އެމެރިކާއާ ދެމެދު ސޮއިކުރެވިގެންދާ "ބެކާ" އެއްބަސްވުން މައިގަނޑު ގޮތެއްގައި އަމާޒު ވަނީ ޖިއޮސްޕޭޝަލް އިންޓެލިޖަންސްއަށެވެ. މިއީ ޖިއޮގްރަފީ ގޮތުން ގައުމު އޮންނަ ސަރަހައްދުން ޖާސޫސީ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް ބާރު ދެނިވި އެއްބަސްވުމެކެވެ.