ކަޅު ފައިސާ ދޮވުމާ، ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓުވުމަށް އާ ގާނޫނުތަކެއް ތަންފީޒު ކުރަން ތައްޔާރަށް އޮތް ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ، ގިނަ ސަރުކާރުތަކެއް ގުޅިގެން އެކުލަވާލާފައިވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް އިން އެކުލަވާލާފައިވާ، ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ގައުމުތަކުގެ ލިސްޓުގައި ޕާކިސްތާނުގެ ނަން ދަމަހައްޓާފައިވާ ދަނޑިވަޅެއްގައެވެ.

ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްގެ "ގްރޭ ލިސްޓު"ގައި ޕާކިސްތާނު ގިންތި ކޮށްފައި ވަނީ، ޝަރުއީ އަދި އިސްތިރާޖީ އިމުގެ ތެރެއިން ޕާކިސްތާނުގައި ހަމަނުވާ ޝަރުތުތަކެއް ހުރި ކަމަށް ބުނެއެވެ.

ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްއަށް އިޖާބަ ދިނުމަށް ޕާކިސްތާނުގެ ސަރުކާރުން އެކުލަވާލާފައިވާ ފައިނޭންޝަލް މޮނިޓަރިންގް ޔުނިޓް (އެފްއެމްޔޫ)ގެ ޑައިރެކްޓާ ޖެނެރަލް ލުބްނާ ފާރޫގު މާލިކު ވިދާޅުވީ، ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް އިން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުގައި ޕާކިސްތާނުން ބިނާކުރަނިވި ކުރިއެރުންތަކެއް، ދެމެހެއްޓެނިވި ގޮތެއްގައި ހާސިލު ކޮށްފައިވާތީ ފެންނަން އެބަ އޮތް ކަމަށެވެ.

މިއަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޕާކިސްތާނުން ވަނީ، ކަޅުފައިސާ ދޮވުމާ، ޓެރަރިޒަމަށް ފަންޑު ކުރުމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް ވަރުގަދަ ކޮށްފައި ކަމަށްވެސް ލުބްނާ ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، މި ކަންކަމަށް ރިއާޔަތް ކުރުމަށް، ބިނާކުރަނިވި ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިފައި ވާކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްއަށް އިޖާބަ ދިނުމަށް ޕާކިސްތާނުގެ ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައި ހުންނަވާ ހައްމާދު އަޒުހަރު ވިދާޅުވީ، މި ގާނޫނުތަކަކީ ފާއިތުވީ 10 އަހަރުގެ ބެކްލޮގް ކްލިއާ ކުރުމުގެ ރަމްޒެއް ކަމަށެވެ. އަދި ސަރުކާރުން މިހާރު ސަމާލުކަން ދެނީ މި ގާނޫނުތައް ތަންފީޒު ކުރުމަށް ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްއިން ޕާކިސްތާން "ބްލެކްލިސްޓް" ކޮށްފި ނަމަ ބައިނަލްއަގުވާމީ މައިދާނުގައި އިންތިހާއަށް ޕާކިސްތާނު އެކަހެރި ކުރެވޭނެއެވެ. އެގޮތުން ބައިނަލްއަގުވާމީ ބޭންކިންގް ނިޒާމުން ޕާކިސްތާނު ބޭރު ކުރެވޭނެއެވެ. މިއާއެކު ދާހިލީ އަދި ހާރިޖީ ފެންވަރުގައި ވިޔަފާރި ކުރުން، ޕާކިސްތާނަށް އިންތިހާއަށް އަގުބޮޑުވާނެއެވެ.

ހުރިހާ ގޮތަކުން ޓެރަރިޒަމް ހުއްޓުވުމަށް ޕާކިސްތާނުން މަސައްކަތްތަކެއް ކުރުމަށް އެމެރިކާއާއި އިންޑިއާއިންވެސް އިއްޔެ ވަނީ ޕާކިސްތާނަށް ގޮވާލާފައެވެ.

ކަޅު ފައިސާ ދޮވުމާ، ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓުވުމަށް އާ ގާނޫނުތަކެއް ތަންފީޒު ކުރަން ތައްޔާރަށް އޮތް ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެފައި ވާއިރު، އިއްޔެވެސް ޕެޝާވަރުގައި ދީނީ ސްކޫލަކަށް އަމާޒުކޮށް ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ވަނީ ދީފައެވެ. މި ހަމަލަގާއި ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ. މި ހާދިސާއާ ގުޅިގެން ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ޕާކިސްތާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.