އަދާ ޖެހުނުއިރުވެސް ލައިޓްވެއިޓް ޓައިޓަލް ދޫ ނުކޮށް ކަށަވަރު ކުރަމުން ދިޔަ ޔޫއެފްސީ ސުޕާސްޓާ ހަބީބް ނުރުމަގޮމެދޯފް، އޭނާގެ މަންމައަށް ވީ ވައުދު ފުއްދާ ދިނުމުގެ ގޮތުން ރިޓާޔާ ކޮށް، މުޅި ދުނިޔޭގެ ލޯބި ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އޮތް ޔޫއެފްސީ 254 ގައި ޖަސްޓިން ގައެތްޖެއާ ދެކޮޅަށް ނިކުމެ އޭނާ ބަލިކޮށް، ރަޝިއާގެ ދަޖެސްތާނަށް ނިސްބަތްވާ، އުމުރުން 32 އަހަރުގެ ހަބީބް ވަނީ އެއީ އޭނާގެ އެންމެ ފަހު މެޗު ކަމަށް މަންމަ އަށް ވައުދުވެފައި ވާނެ ކަމަށާ، ބުނާ ބަހުގެ އިތުބާރު އޮންނަން ޖެހޭނެ ކަމަށެވެ.

ލައިޓްވެއިޓް ޓައިޓަލް ދޫނުކޮށް ކަށަވަރުކުރަމުންދިޔަ ޔޫއެފްސީ ސުޕާސްޓާ ޚަބީބް ނުރުމަގޮމެދޯފް / ފޮޓޯ: ޓްވިޓާ

ބައްޕަ އަދި ކޯޗު، ޢަބްދުލްމަނާފް ނުރުމަގޮމެދޯފް އާ ނުލައި މެޗަކަށް ނިކުންނަން ބޭނުން ނުވާ ކަމަށް ހަބީބު ވަނީ ބުނެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ބައްޕަ، މި ދުނިޔެއާއި ވަކިވެ ދިޔައީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައެއްގެ ގޮތުގައެވެ. ހަބީބުގެ ބައްޕައަކީ އޭނާއާއެކު ހުރިހާ މެޗަކަށް ގޮސް އެންމެ ގާތުން އޭނާއަށް ސަޕޯޓް ދެމުންދިޔަ ބަތޮލެކެވެ. ބައްޕައާއި ނުލާ މެޗުތަކަށް ދިއުމަށް ހަބީބުވެސް އޭނާގެ މަންމަވެސް ހިތް ނޭދެއެވެ. ބައްޕައަކީ ހުރިހާ މެޗެއްގައިވެސް ހަބީބުގެ ހިތްވަރުގެ މުގުލުގައި ހުރި ޝަހްސެވެ.

ޔޫއެފްސީ ސުޕާސްޓާ ޚަބީބް ނުރުމަގޮމެދޯފް (ކ) އޭނާގެ ބައްޕަ އަދި ކޯޗު، ޢަބްދުލްމަނާފް ނުރުމަގޮމެދޯފް އާއެކު. ބައްޕަ ނިޔާވީ ކޮވިޑް-19 ޖެހިގެން / ފޮޓޯ: ޓްވިޓާ

މެޗު ނިންމާ، ކެރިއާ ދޫކޮށްލަމުން ހަބީބު ދެއްކި ވާހަކަތަކުގައި އޭނާ ވަނީ އޭނާއަކީ ރަޝިއާގެ ކުޑަ އަވަށަކުން އައި މީހެއް ކަމަކު މިއަދު މުޅި ދުނިޔެވެސް ދައްކަމުން ދަނީ އޭނާގެ ވާހަކަކަން ފާހަގަކޮށްފައެވެ. އަދި މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނާ އެކުގައި ވުމަށްވެސް ހަބީބުވަނީ ގޮވާލާފައެވެ.

ފޯރިގަދަ މެޗަކުން ޖަސްޓިން ބަލިކުރުމަށްފަހު ހަބީބު ރިޓާޔާ ކުރީ އޭނާގެ 29-0 ރެކޯޑް ކަށަވަރު ކުރަމުންނެވެ. އޭނާއަކީ އެމްއެމްއޭ ފައިޓަރުންގެ ލިސްޓުގެ އެންމެ ނުފޫޒުގަދަ އެއް ޝަހްސެވެ.

ޔޫއެފްސީ ސުޕާސްޓާ ޚަބީބް ނުރުމަގޮމެދޯފް (ކ) އޭނާގެ ބައްޕަ އަދި ކޯޗު، ޢަބްދުލްމަނާފް ނުރުމަގޮމެދޯފް އާއެކު. ބައްޕަ ނިޔާވީ ކޮވިޑް-19 ޖެހިގެން / ފޮޓޯ: ޓްވިޓާ

ރެކޯޑް މޮޅަކާއެކު އާއިލާއަށް އިހުތިރާމު ސާބިތުކޮށްދެމުން ހަބީބު ރިޓާޔާކުރިކަން އިއުލާން ކުރުމާއެކު އޭނާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާ ގުގުމަން ފެށިއެވެ. އޭގެ ތެރެގައި ތެޅުމުގެ މުބާރާތްތަކުން މުޅި ދުނިޔެ ފަތަހަ ކުރި ކޮނޯ މެކްގްރެގާ ފަދަ ތަރިން ހިމެނެއެވެ. ބޮލީވުޑުންވެސް ޚަބީބަށް ތައުރީފުކޮށް ޕޯސްޓުކޮށްފައިވެއެވެ.

ލައިޓްވެއިޓް ޓައިޓަލް ދޫނުކޮށް ކަށަވަރުކުރަމުންދިޔަ ޔޫއެފްސީ ސުޕާސްޓާ ޚަބީބް ނުރުމަގޮމެދޯފް / ފޮޓޯ: ޓްވިޓާ

މީގެ އިތުރުން، އިސްލާމުންގެ މެދުގައ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދީނީ އިމާމު، މުފްތީ މެންކުވެސް ވަނީ ހަބީބުއަށް ތައުރީފުކޮށް، މެޗަށް އަރާއިރު ހަބީބު ބޭނުންކުރާ ޒާތުގެ ވިގެއް ސިފަވާ ތޮތްޕެއް އަޅައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާ، ހަބީބުއަށް ތައުރީފު ކުރައްވާފައެވެ.

އަދާ ޖެހުނުއިރުވެސް ލައިޓްވެއިޓް ޓައިޓަލް ދޫނުކޮށް ކަށަވަރުކުރަމުންދިޔަ ޔޫއެފްސީ ސުޕާސްޓާ ޚަބީބް ނުރުމަގޮމެދޯފް އަށް ތައުރީފު ކުރުމުގެ ގޮތުން މުފްތީ މެންކު ދޫކޮށްލި ފޮޓޯއެއް / ފޮޓޯ: މުފްތީ މެންކު | ޓްވިޓާ

ހަބީބުގެ ކެރިއަރަކީ އިބުރަތް ހާސިލުކުރުން މުހިންމު ދައުރެއްކަން ސޯޝަލް މީޑިއާގެ އަހުލުވެރިން ފާހަގަކުރެއެވެ. އެގޮތުން، ކާމިޔާބު އަންނަނީ ﷲ ގެ ހަޟްރަތުން ކަމާ، މައިންބަފައިންނަށް އިހުތިރާމްކޮށް އެ މީހުންނަށް އިހުލާސްތެރިވާންޖެހޭނެ ކަމަށާ، އެންމެ ރަނގަޅު ދައުވާއަކީ ރަނގަޅު ސުލޫކެއްކަން ހަބީބުގެ ކެރިއަރުން އަންގައިދޭ ކަމަށް ބުނެ، އޭނާއަށް ތައުރީފުގެ ޕޯސްޓްތައް ދަނީ ހިއްސާކުރަމުންނެވެ.