އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންއާއި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާ ދެމެދު، ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރައްވައިފިއެވެ.

ޕޫޓިންއަކީ ގާތިލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ބައިޑަން ވިދާޅުވެފައި ވާއިރު، އެ ކަމަށް ރައްދު ދެއްވަމުން ޕޫޓިން ވިދާޅުވީ، "ގާތިލަކު އެނގޭނީ ހަމަ ގާތިލަކަށް" ކަމަށެވެ. އަދި ލައިވްކޮށް، އޮންއެއާގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވުމަށް ވެސް ޕޫޓިން ވަނީ ބައިޑަން އަށް ގޮންޖައްސަވާފައެވެ.

ރަޝިއާގެ އެންމެ ވަރުގަދަ އިދިކޮޅު ލީޑަރު، އެލެކްސީ ނަވާލްނީ މަރާލުމަށް، ޕޫޓިންގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރި ކަމަށް އަމާޒު ކުރަމުންދާ ތުހުމަތު ތަކަށް ޕޫޓިން އިންކާރު ކުރައްވައެވެ.

ރަޝިއާއިން ވަނީ އެމެރިކާގައި ހުންނަވާ އެ ގައުމުގެ މަންދޫބުވެސް އަނބުރާ ގައުމަށް ގެންދިއުމަށް ނިންމާފައެވެ. ރަޝިއާއިން ބުނީ، އެމެރިކާއާއި އެ ގައުމުގެ ގުޅުން، ކަނު-އަނދިރި މަގަކަށް ވެއްޓިފައި އޮތުމުގެ ސަބަބުން، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި، ސަފީރު އެނަޓޯލީ އެންޓޯނޯފް، އަނބުރާ ގައުމަށް ގެންދަނީ ކަމަށެވެ.

އޭބީސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ރައީސް ވަނީ، 2020 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބަށް ރަޝިއާ އިން ނުފޫޒު ފޯރުވުމުގެ އަގު، ޕޫޓިންއަށް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މި މައްސަލާގައި ރަޝިއާއާ ދެކޮޅަށް، ވަރަށް އަވަހަށް އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ.