ވިހައިގެ އަސަރުކޮށް ފުރާނައަށް ނުރައްކާވެގެން 5 މަހެއްހާ ދުވަހު ޖަރުމަނުވިލާތުގައި ފަރުވާ ހޯދުމަށްފަހު އެނބުރި ރަޝިއާއަށް ފޭބުމުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ވެރިރަށް މޮސްކޯގައި ވަގުތީ ކޯޓެއް ހުޅުވައިގެން ނަވާލްނީގެ މުއްދަތު ޖަހާފައި ވަނީ، އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށެވެ.

ފެބުރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ނަވާލްނީ ބަންދުގައި ބަހައްޓަން މުއްދަތު ޖެހީ، އެންމެ މަދުވެގެން 30 ދުވަސް ވަންދެން އޭނާ ހައްޔަރުގައި ބަހައްޓާ ދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުން އެދިފައި ވަނިކޮށެވެ.

ނަވާލްނީއަށް މުއްދަތު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، އޭނާގެ ޓީމުންވަނީ ނަވާލްނީގެ ވީޑިއޯއެއް އާންމު ކޮށްފައެވެ. އެ ވީޑިއޯގައި ނަވާލްނީވަނީ، މަގުތަކަށް ނިކުމެ، ރައީސް ވްލޭޑްމިއާ ޕޫޓިންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އަދި ހިމޭނުން ނުތިބުމަށާ، ގަދަކަން ދެއްކުމަށާ، މިކަން ކުރަންވީ ނަވާލްނީ އަށްޓަކައި ނޫންކަމަށާ، މިއީ ރައްޔިތު މީހާއަށްޓަކައި ކުރާ ކަމަކަށް ހެދުމަށްވެސް ނަވާލްނީގެ ވީޑިއޯ މެސެޖުގައި ވަނީ ގޮވާލާފައެވެ.

އުމުރުން 44 އަހަރުގެ އިދިކޮޅު ލީޑަރު ސިފަކުރި ގޮތުގައި، އޭނާގެ އަދުގެ ހާލަތަކީ އަދުލު އިންސާފަށް ޖެހޭ ހަޖޫއެކެވެ. މިއީ ވެގެންވާނެ ކަމެއް ނޫންކަމަށާ، މިއީ ގާނޫނެއް ނެތްކަމުގެ ހައްދެއް ނެތް މިންވަރު ކަމަށްވެސް ނަވާލްނީ ވަނީ ބުނެފައެވެ.

ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ނަވާލްނީ ހައްޔަރު ކުރީ ޖަރުމަނުވިލާތުން އެނބުރި އައި ފްލައިޓް، އެހެން އެއާޕޯޓަކަށް ޑައިވާޓް ކުރުމަށް ފަހުގައެވެ.

ރަޝިއާގެ ސަރުކާރުން ތަރައްގީ ކުރާ ނާވް އޭޖެންޓް (ނޮވިޗޯކް) ބޭނުން ކޮށްގެން ވިހަ ކޮށްލި ނަވާލްނީ، ރަޝިއާއަށް އެނބުރި ދިއުމާއެކު އޭނާ ހައްޔަރު ކުރީ ޝްރެމެޓެޔެވޯ އެއާޕޯޓުގެ ޕާސްޕޯޓް ކޮންޓްރޯލް ޔުނިޓް ސަރަހައްދުންނެވެ.

ރަޝިއާގެ ޕްރިޒަންސް ޑިވިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިދިކޮޅު ލީޑަރު ނަވާލްނީ އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފަށައިގެން ހޯދަން ބޭނުން ވެފައިވާ މީހެއް ކަމަށެވެ. އޭނާ ހޯދަމުން ދަނީ، ސިލްސިލާ ގޮތެއްގައި ޕްރޮބޭޝަނާ ހިލާފު ވެގެން ކަމަށްވެސް ޕްރިޒަންސް ޑިވިޝަނުން އާންމު ކުރި ބަޔާނުގައިވެއެވެ.

ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ނަވާލްނީ ހޯދަނީ، ހިޔާނާތުގެ މައްސަލައެއްގައި ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށް އެ އަމުރާ ހިލާފު ވި ކަމަށް ބުނެއެވެ. ނަވާލްނީ ބުނަމުންދަނީ އެ އަމަރަކީ ސިޔާސީ އަމުރެއް ކަމަށެވެ. ރަޝިއާގެ ޕްރޮސެކިއުޓަރުން ވަނީ ނަވާލްނީއާ ދެކޮޅަށް އިތުރު މައްސަލައެއްވެސް ބަލަން ފަށާފައެވެ. އެއީ ފްރޯޑްގެ ދައުވާތަކެކެވެ.

ނަވާލްނީ ސިފަ ކުރާ ގޮތުގައި މި ދައުވާތަކަކީ އޭނާއަށް ރަޝިއާއިން ފުރުސަތެއް ނުދިނުމަށް ޕޫޓިން ކުޅުއްވާ ކުޅިއެކެވެ. ނަމަވެސް ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނަމުން ދަނީ ނަވާލްނީއަށް އެ ގައުމުގައި ތާއީދެއް ނެތް ކަމަށާ، ނަވާލްނީއަކީ ޕޫޓިންއަށް ހުރި ބިރެއް ނޫން ކަމަށެވެ.