ރަޝިއާގެ މަގުބޫލު އިދިކޮޅު ލީޑަރު، އެލެކްސީ ނަވާލްނީއަށް ވިހަ ދިން ގޮތް، އޭނާ ފަހަތުން ފޮނުވި ރަޝިއާގެ އޭޖެންޓަކު ހާމަކޮށްފިއެވެ.

ނަވާންލީގެ "އަންޑާޕޭންޓްސް" (ޖަންގިޔާ/ބޮކްސާ)ގައި ވިހަ ހާކައިގެން އޭނާ ވިހަ ކޮށްލި ގޮތް، ރަޝިއާގެ އޭޖެންޓް ކިޔަދީފައި ވަނީ ސީއެންއެންއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ. އޭނާ މި އިންޓަވިއު ދީފައި ވަނީ، ސީއެންއެންއާއި، އޮންލައިން ޕްލެޓްފޯމްގައި ޖާސޫސީ ހަރަކާތް ހިންގާ ބެލިންގްކެޓް ގުޅިގެން، މިކަން ކުރި ބަޔަކު މިދިޔަ ހަފުތާގައި ފަޅާ އަރުވާލި ހިސާބުންނެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް ފަރުވާ ދިނުމަށް އެމްބިއުލާންސަށް އަރުވަނީ/ފޮޓޯ: އީޕީއޭ

ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފް ނަމަކަށް ކިއާ އޭޖެންޓް ވަނީ، ސައިބިރިއާގެ ސިޓީއެއް ކަމަށްވާ ޓޮމްސްކްގައި ނަވާލްލީއަށް ވިހަ ދިނުމުގައި ބައިވެރިވި އިތުރު މީހުންގެ ވާހަކަތަކާއި، އެ ކުރި ކަމެއް ކުރުމަށްފަހު "ސާފު ކުރުމަށް" އޭނާ ފޮނުވި ގޮތުގެ ވާހަކަ ކިޔައިދީފައެވެ.

އޭނާ މި ވާހަކަތައް ކިޔައިދީފައި ވަނީ ސީދާ ނަވާލްނީއަށެވެ. އޭނާއަށް އެ ވާހަކަ ދެއްކެނީ ރަޝިއާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސުލްގެ އޮފިޝަލެއް ކަމަށް ހިތާއެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ވިހަ ކުރުމުގެ މަސައްކަތް ކިޔައިދިން ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފް / ފޮޓޯ: ސީއެންއެން

ރަޝިއާ ސަރުކާރުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި ސިއްރުތައް ހާމަ ކުރަމުންދާ ނަވާލްނީ އަކީ، ރައީސް ވްލޭޑްމިއާ ޕޫޓިންގެ އެންމެ ވަރުގަދަ އުދުއްވެވެ. ނަވާލްނީއަށް ވިހަ ދިނީ އެފްއެސްބީގެ އޭޖެންޓުންކަން ހުދު ޕޫޓިންވެސް ވަނީ ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވާފައެވެ. ނަމަވެސް، ރަޝިއާއިން އޭނާ މަރާލަން ބޭނުން ނަމަ އެކަން ކުރީސްކަމަށްވެސް ދޭހަކޮށްދެއްވިއެވެ.

ބެލިންގްކެޓްއާއި ސީއެންއެންގެ ތަހުގީގަށް އެނގިފައި ވާ ގޮތުގައި، އެފްއެސްބީގެ ވިހައާ ބެހޭ ޓިމުގެ 6-10 މެމްބަރުންގެ ޓީމަކުން ނަވާލްނީއަށް ފާރަލާތާ 3 އަހަރު ވެއްޖެއެވެ. އެ ޓީމުގައި ހިމެނުނު މެމްބަރުން ދެނެގަތުމަށްފަހު ސީއެންއެންއިން ވަނީ އެމީހުންނާ ގުޅުމަށްވެސް މަސައްކަތް ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނޭ އެކަކީ އޯލެގް ޓަޔާކިންއެވެ. ނަމަވެސް، އޭނާ އެ ހާޒިރުވީ ނަވާލްނީ ވިހަކޮށްލި ހާދިސާގެ ވާހަކަ ހިއްސާ ކުރަންކަން އެނގުނު ހިސާބުން "ދޮރުޖަހާފައި ދިޔައީ" ކަމަށް ސީއެންއެން އިން ބުނެއެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ވަނީ ޖަރުމަނުވިލާތަށް ބަދަލު ކުރެވުނުއިރުވެސް އޮތީ ކޯމާއެއްގަ/ފޮޓޯ: އީޕީއޭ

އޭރު ނަވާލްނީވެސް ދިޔައީ ޓީމުގެ މެމްބަރުންނަށް ގުޅަމުންނެވެ. އެއީ ކާކު ކަން ބުނާ ހިސާބުން އެއްވެސް މީހަކު އޭނާއާ ވާހަކައެއް ނުދެއްކިއެވެ. އެގޮތުގެ މަތިން އެންމެ ފަހު މީހަކަށް އޮތީ، ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފްއެވެ. އޭނާއާ ގުޅުމަށް ނަވާލްނީގެ ޓީމުން ބޭނުން ކުރީ "ސްޓިންގް އޮޕަރޭޝަން"ގެ އުކުޅެވެ.

ނަވާންލީ މިކަން ކުރީ ކިހިނެއް؟

ވިހައިގެ ސަބަބުން ހަށިގަނށް ލިބުނު ބޮޑެތި ގެއްލުންތަކަށް ފަރުވާ ހޯދަމަށް، ޖަރުމަނުވިލާތުގެ ސިއްރު މަންޒިލެއްގައި ހުރި ނަވާލްނީ، ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފްއަށް ގުޅީ، ރަޝިއގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ އޮފިޝަލެއް ކަމަށް ހެދިގެންނެވެ. އޭނާއަކީ، ވިހައިގެ އޮޕަރޭޝަންގައި ކަންކަން ދިޔަ ގޮތް މުރާޖާ ކުރުމަށް ހުރި އޮފިޝަލެއްގެ ހައިސިއްޔަތުން ކަމަށް ހެދިގެންނެވެ. ނަވާލްނީގެ ފޯނު ނަމްބަރަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެފްއެސްބީގެ ހެޑްކުއާޓަރުގެ ނަމްބަރެއް ފަދައިންނެވެ.

ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފް ވާހަކަ ދައްކަން ތައްޔާރުވުމުން، "ނަވާލްނީއާ ގުޅިގެން ޓޮމްސްކްގައި ގޯސްވީ ކޮންކަމެއްތޯ" ނަވާލްނީ ސުވާލުކުރެއެވެ. ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފްއާއި ނަވާލްނީގެ ކޯލު 45 މިނެޓަށް ދެމިގެންދެއެވެ. މިއީ މިކަމުގައި އެފްއެސްބީގެ އަތެއް އޮތްކަމަށް ލިބުނު ފުރަތަމަ، ސާބިތު ހެއްކެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ވިހަ ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި އޯލެގް ޓަޔާކިން ސީއެންއެން ތަހުގީގު ކޮޓަރީގެ ދޮރު ކައިރީގަ / ފޮޓޯ: ސީއެންއެން

ރަޝިއާއިން ވަނީ މިކަމަށް ރައްދު ދީފައެވެ. ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފްއާ ނަވާލްނީ ވާހަކަދައްކާ ވީޑީއޯ ކަމަށް ބުނެ، ނަވާލްނީގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކީ ބޭރުގެ ޖާސޫސީ އޭޖެންޓުންގެ އެހީގައި ހަދާފައިވާ "ފޭކު" ވީޑިއޯއެއް ކަމަށް ރަޝިއާއިން ބުނެއެވެ.

ނަވާލްނީ ހިންގި ތަހުގީގުގެ ތަހުގީގެއް ހިންގަން، އެފްއެސްބީއިން ފަށާފައި ވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ޖަންގިޔަލަށް ވިހަލުން

ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފް ވަނީ، ނަވާލްނީގެ ޖަންގިޔަލެއްގައި ވިހަ ހޭކި ގޮތުގެ ވާހަކަވެސް ކިޔައިދީފައެވެ. ޖަންގިލުގެ އެތެރެ ފުށުގައި، ވަކިން ހާއްސަކޮށް ކުރިމަތިފަރާތާ ދިމާލަށް ވާ ގޮތަށް ވިހަ ހޭކި ކަމަށް ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފް ވަނީ ކިޔައިދީފައެވެ.

ޓޮކްސިކޮލޮޖިސްޓުންނާ ހަވާލާދީ ސީއެންއެންއިން ބުނީ، ފޭރާމުގައި ހާކާފައި ހުންނަ ވިހައަކީ، އެ ލައިގެން ހުންނަ މީހަކު ދާ ހިއްލުމުގެ ސަބަބުން، އެމީހެއްގެ ހަމުގެ ތެރެއަށް ފޭދިގެންދާނެ ވިހައެއް ކަމަށެވެ.

ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފް އަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރުގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ރަޝިއާ އަސްކަރިއްޔާގެ ބައޮލޮޖިކަލް ސެކިއުރިޓީ ރިސާޗް ސެންޓަރުގައިވެސް މަސައްކަތް ކޮށްފައެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ވަނީ ޖަރުމަނުވިލާތުގެ ހޮސްޕިޓަލުން ދޫކޮށްލާފަ/ފޮޓޯ: ސްކައިނިއުސް

ބެލިންގްކެޓްއާއި ސީއެންއެންއިން ހިންގި ތަހުގީގުތަކުން، ނަވާލްނީ ވިހަކޮށްލިތާ 5 ދުވަހުން ކޮންސްޓަންޓީން ކުޑްރިޔާވްޓްސޭފް ވަނީ އޮމްސްކަށް ދަތުރުކޮށްފައެވެ. އެއީ "ސާފުކުރުމު" މިޝަންއެވެ. އެއީ ނަވާލްނީގެ ފޭރާންތަކުން ވިހައިގެ އަސަރު ފިލުވުމަށެވެ.

ވިހައިގެ އަސަރުކޮށް، ފުރާނައަށް ނުރައްކާ ދަރަޖައަކަށް ނަވާލްނީ ދިޔަ ވަގުތު އޭނާ ލައިގެން ހުރި ފޭރާން ހަވާލު ކުރުމަށް ނަވާލްނީގެ ޓީމުން ތަކުރާރުކޮށް އެދުނެވެ. ނަމަވެސް ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން އޭރު އެކަމަށް ދެކޮޅު ހެދިއެވެ.

މި ތަހުގީގާއި ބެހޭ އިތުރު ވާހަކަތައް، މިރޭގެ ވަގުތެއްގައި ސީއެންއެންއިން އޮންއެއާ ކުރުމަށް ވަނީ ތަވާލުކޮށްފައެވެ.