ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ އެމެރިކާގެ ރިޔާސީ އިންތިހާބު ގައި ވޯޓު ދެއްވުމަށް ފަހު، އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް، 3 ސްޓޭޓެއްގެ ކެމްޕޭން ވަރުގަދަ ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ފްލޮރިޑާ ގައި ވޯޓު ދެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، އޭނާ ވޯޓު ދެއްވީ "ޓްރަމްޕް ކިޔާ ކެންޑިޑޭޓަކަށް" ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއާ ވާދަ ކުރައްވާ، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފައި ވިއްދަވައިގެން ހުންނެވި ޓްރަމްޕްގެ ރިޔާސީ ކެމްޕޭން ރެލީތައް، ނޯތު ކެރޮލައިނާ، އޮހައޯ އަދި ވިސްކޮންސިންގައި ވަނީ ވަރުގަދަ ކޮށްފައެވެ.

ހިޔާލު ހޯދުމުގެ ސާވޭތަކަށް ބަލާއިރު ކުރީގައި އޮތް ބައިޑަންގެ ރެލީތައް ވަރުގަދަ ކޮށްފައި ވަނީ ޕެންސިލްވޭނިއާ ސަރަހައްދުގައެވެ. އިންތިހާބަށް ގާތްގަނޑަކަށް 10 ވަރަކަށް ދުވަހަށް ވެފައި ވާއިރު، ބައިޑަންއަށް 8 ޕޮއިންޓްގެ ލީޑެއް އެބައޮތް ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، އިންތިހާބީ ތާރީހުގެ ކުރިންވެސް ވޯޓު ދިނުމުގެ ފުރުސަތު، އެ ގައުމުގެ ރައްޔިތުންނަށް ލިއްބައިދެއެވެ. އެގޮތުން، މިހާތަނަށް 57 މިލިއަން މީހަކު ވޯޓު ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އިންތިހާބީ ތާރީހަށް ބަލާއިރު ރެކޯޑް އަދަދެކެވެ. ބެލެވޭ ގޮތުގައި މިފަހަރު އަވަހަށް ވޯޓު ދިން މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވަނީ، ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، ފަހު ދުވަހަށް މަޑު ނުކޮށް، ގައި ދުރުކަމާއެކު ވޯޓު ދިނުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ.

ނޯތު ކެރޮލައިނާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، އެމެރިކާގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާ ހާލަތާ ގުޅިގެން ބަޔަކު މާ ބޮޑުކޮށްލައިގެން ވާހަކަ ފަތުރަމުން ދާ ކަމަށް ވިދާޅުވެފައެވެ.