ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ އެންމެ މުހިންމު އެއް ފިޔަވަޅަކީ އަނގަޔާއި ނޭފަތް ނިވާވާނެހެން މާސްކު ބޭނުން ކުރުން ކަމަށް ވާއިރު، ނިގާބީން ނުވަތަ މޫނު ބުރުގާ އަޅާ މީހުންނަކީ މިކަމުން އިސްތިސްނާވާ ބައެއް ނޫން ކަމަށާ، ކޮވިޑް-19ގެ 3 ވަނަ ރާޅަކާ ކުރިމަތިލާފައިވާ މެލޭޝިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް، ޑރ ނޫރު ހިޝާމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އާންމު ތަންތަނަށް ނިކުމެ އުޅޭ އުޅުމުގައި މާސްކު ބޭނުން ކުރުމަށް މެލޭޝިއާއިން މަޖުބޫރުކުރީ އޯގަސްޓް މަހުގެ ތެރޭގައެވެ. ކަން މިހެން އޮތްއިރު، ނިގާބީންގެ މައްޗަށްވެސް މި އަމުރު ތަންފީޒުވާނެތޯ ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ނޫރު ވިދާޅުވީ، މާސްކު ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގައިޑްލައިންތަކެއް ކަނޑައަޅާފައި ވާ ކަމަށާ، 2 ވައްތަރެއްގެ މާސްކު ބޭނުން ކުރުމަށް ފުރުސަތު އޮތްއިރު، މޫނުބުރުގާ އަޅާ މީހުންގެ މައްޗަށްވެސް މި އަމުރަށް ކިޔަމަންވުން ލާޒިމު ކަމަށެވެ.

މޫނުބުރުގާ އަޅާ މީހުން މާސްކު އަޅަންޖެހޭނީ ނިގާބުގެ އަޑިން ކަމަށްވެސް ޑރ ނޫރު ވަނީ ފާހަގަކުރައްވާފައެވެ. ބޭނުން ކުރަނީ ފޮތި މާސްކެއް ކަމަށް ވަނީ ނަމަ، އެ މާސްކަކީ އެންމެ މަދުވެގެން 3 ލޭޔަރު އެކުލެވޭ މާސްކަކަށްވެސް ވާންޖެހޭނެ ކަމަށް ޑރ ނޫރު ވިދާޅުވިއެވެ.

މެލޭޝިއާގެ ނިގާބީންގެ ވާހަކަ ފެންމަތި ވެފައި ވަނީ އެ ގައުމަށް މަޝްހޫރު ޓީވީ ހޮސްޓް އަދި ވިޔަފާރިވެރިޔާ ނިލޫފާ، މޫނުބުރުގާ އެޅިކަން، މިދިޔަ ހަފުތާ ތެރޭގައި ހާމަކުރި ހިސާބުންނެވެ.

އައުރަ ނިވާ ކުރުމުގެ ނަމުގައި ހަމައެކަނި ދެލޯ ފެންނަ ގޮތަށް މުޅި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމުގެ ސަގާފަތަކީ ކުރިން އަރަބި ގައުމުތަކުގައި އޮތް ކަމެއް ނަމަވެސް، އޭޝިއާގެ އެކި ހިސާބުތަކަށްވެސް މިކަން ވަނީ ފެތުރިފައެވެ.

މި ދަނޑިވަޅަކީ މެލޭޝިއާގައި ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަމުންދާ ދަނޑިވަޅެކެވެ. ކޮވިޑް-19ގެ 3 ވަނަ ރާޅަކާ މެލޭޝިއާއަށް ކުރިމަތިލާންޖެހިފައި ވާއިރު، ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި، 1000 އަށްވުރެ ގިނަ ދަރިވަރުންވެސް މި ވައިރަހަށް ޕޮޒިޓިވްވެފައި ވާކަން މެލޭޝިއާއިން ވަނީ ހާމަކޮށްފައެވެ.

މެލޭޝިއާއަކީ، ތައުލީމު ހާސިލު ކުރުމާއި ވަޒީފާ އަދާ ކުރުން ފަދަ ދިރިއުޅުމުގެ އެކި ބޭނުން ތަކަށް، ގިނަ އަދަދެއްގެ ދިވެހިންވެސް ވަޒަންވެރިގެން ދިރިއުޅެމުންދާ ގައުމެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއްވެސް ދިވެއްސަކު މެލޭޝިއާގައި ހާލުގައި ޖެހުނު ކަމުގެ ރިޕޯޓެއް، ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.