މާލެ ތިލަފުށި ބްރިޖު މަޝްރޫއުއާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ބުނެފައިވަނީ އެ މަޝްރޫއާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމުގައި އާންމުން ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޒޫމް މެދުވެރިކޮށް ކަމުން އެ ބައްދަލުވުމުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ އެ ބައްދަލުވުން އޮންނާނީ މި މަހުގެ 26ވަނަ ދުވަހުގެ ހަވީރު 16:00 ގައި ކަމަށެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް ފޮރިން މިނިސްޓްރިން ބުނެއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.