ވޭތުވެދިޔަ 2 އަހަރު ތެރޭ ކުޅިވަރުގެ ދާއިރާ ސިޔާސީ ނުކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެގޮތުން ކުރިއާ އަޅާ ބަލާފައި ހުރިހާ ކުޅިވަރަކުން ވެސް އެތަށް ކާމިޔާބީއެއް ލިބިފައިވާކަން ކުޅިވަރު އެސޯސިއޭޝަންތައް އަދި އެތުލެޓުން ބަލަގަންނާނެކަން ކަށަވަރު ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

މަހުލޫފު އެހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ކުޅިވަރުގެ ކަންކަން ކުރިއަށް ގެންދަނީ 1980 ގެ އަހަރުތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގެވި ގޮތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެންނެވެ.

ހަސަން ލަތީފު އެހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީން ގެނެސް ދިން "ކުޅިވަރު ފައިލް" ޕްރޮގްރާމްގައެވެ. އެޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރާއްޖޭގައި ކުޅިވަރުގެ ކަމަކާ ގުޅިގެން ޝަކުވާއެއް އުފުލާނެ ތަނެއް ހޯދައި ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ހަސަން ލަތީފް ވަނީ 1980 ގެ އަހަރުތަކުގައި ހިނގި ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އަދި އެކަންކަން މިއަދު ރާއްޖޭގައި ހިނގަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.