ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމަށް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ފަހިކޮށްނުދިން މައްސަލަ އިމްތިޔާޒް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މި މައްސަލަ ބަލައިގަތީ މަޖިލީހަށް ހާޒިރުވި 55 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތަކަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށް މުހައްމަދު ސިޓީއެއް ހުށަހެޅުއްވީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގައެވެ.
އެއީ އެ ތަނުގެ ހާލަތު ދެނެގަތުމަށް ކަމަށް އެ ސިޓީގައި އޭނާ ބަޔާންކުރައްވާފައި ވެއެވެ. އެކަމަކު މިހާތަނަށް މިނިސްޓްރީން އެ ސިޓީއަށް ޖަވާބު ދެއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މިނިސްޓްރީން މިދިޔަ އޮގަސްޓްގައި ހާމަކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ގުރައިދޫގައި ހުންނަ މަރުކަޒުގައި 221 މީހުން އެބަ ތިއްބެވެ.
މެއި 2024 ގައި ސޯޝަލް ޑިވެލޮޕްމަންޓު މިނިސްޓްރީން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ގުރައިދޫ މަރުކަޒުގައި 220 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި, 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 މީހުން އަދި ނަފްސާނީ ގޮތުން ބަލި 183 މީހުންނެވެ. އޭގެ ތެރޭގައި 65 އަހަރުން މަތީގެ 31 މީހުން ހިމެނެ އެވެ.