ބޭ އޮފް ބެންގޯލްއާއި އަރަބި ކަނޑުގެ ސަރަހައްދުގައި އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އިންޑިއާގެ "މަލާބާރު" ސިލްސިލާ އަސްކަރީ ތަމްރީނުތަކުގައި މިފަހަރު އޮސްޓްރޭލިއާއިން ބައިވެރިވާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
އިންޑިއާގެ ދިފާއީ ވުޒާރާއިން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ، ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމާ ގުޅުން ހުރި ކަންކަމުގައި އެހެން ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމުގެ ފުރުސަތަށް އިންޑިއާއިން އެދޭ ކަމަށާ، ދިފާއީ ރޮނގުން އޮސްޓްރޭލިއާއާއިއެކު ބަދަހި ކުރަމުންދާ ގުޅުމުގެ ތެރެއިން، "މަލާބާރު 2020" ގައި އޮސްޓްރޭލިއާގެ ކަނޑުގެ އަސްކަރިއްޔާއިން ބައިވެރިވާނެ ކަމަށެވެ.
މިއާއެކު "މަލާބާރު" އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާ ގައުމުތަކުގެ އަދަދު މިވަނީ 4 އަށް އަރާފައެވެ. އިންޑިއާއާއެކު މި ތަމްރީނުތަކުގައި ބައިވެރިވުމަށް ތާވަލު ކޮށްފައި ވަނީ އޮސްޓްރޭލިއާގެ އިތުރުން އެމެރިކާ އަދި ޖަޕާނެވެ.
އިންޑިއާއިން މިފަދަ ކަމެއް ހާމަ ކޮށްފައިމިވަނީ، މި ހަތަރު ގައުމުގެ ހާރިޖީ ވަޒީރުންގެ މެދުގައި، ޖަޕާނުގައި ހާއްސަ ބައްދަލުވުންތަކެއްވެސް ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.
އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ "މަލާބާރު 2020" އަކީ "ނޮން-ކޮންޓެކްޓް" އުސޫލުން ކުރިއަށް ގެންދާނެ ތަމްރީނުތަކެއް ކަމަށާ، މިއީ ބައިވެރިވާ ގައުމުތަކުގެ ކަނޑުގެ އަސްކަރީ ފައުޖުތަކުގެ މެދުގައި ވިލަރެސް ކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަށް ހިތްވަރުދެނިވި ތަމްރީނުތަކެއް ކަމަށެވެ.
އެމެރިކާއާއި އިންޑިއާގެ އޮޕަރޭޝަނެއްގެ ގޮތުގައި "މަލާބާރު" ތަމްރީނުތައް ފެށީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން، 2015 ވަނަ އަހަރު މި ލިސްޓަށް ޖަޕާނު އިތުރުވިއެވެ. 2019 ވަނަ އަހަރުގެ ތަމްރީނުތައް ކުރިއަށް ގެން ގޮސްފައި ވަނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައެވެ.
އިންޑިއާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޗައިނާއާއި އިންޑިއާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ނުރައްކާ ވަމުންދާއިރު، އިންޑިއާއިން ތަމްރީނުތަކުގެ ނަމުގައި ހިންގާ އަސްކަރީ ހަރަކާތްތައް ދަނީ އިތުރުކޮށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއާއިއެކު ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.