ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ ފޮރިން މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކުރަމުން އެބަދެއެވެ.

މި މުޒާހަރާގެ ބައިވެރިން އަންނަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި އިންޑިއާ ސިފައިންނަށް ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމުގެ ފުރުސަތު ނުދިނުމަށް ވެސް ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން " ދަ ޕްރެސް" އިން ފޮރިން މިނިސްޓްރީ" އަށް ސުވާލު ކުރުމުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިން ވެސް އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ވަނި މުޒާހަރާ ކޮށްފައެވެ. އަދި ދާދި ފަހުން ވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ ގެކޮޅުގެ ކުރިމަތީގައި ވެސް މުޒާހަރާ ކޮށްފައެވެ.

ސަރުކާރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭ ކަމަށް އިންފޯމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

ރާއްޖޭއަށް ކުރިން ގެނައި ހެލިކޮޕްޓަރުތަކާއެކު އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެ އިތުރުން އިންޑީއާ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގާ ތަމްރީންތަކުގައި ވެސް ރާއްޖެއަށް އިންޑިއާ ސިފައިން އައިސް ވަނީ ހަރަކާތްތެރިވެފައެވެ.