ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމު ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އެމެރިކާއާއި ދެކުނު އޭޝިއާގެ ސުޕާޕަވަރުގެ މަގާމު ކަށަވަރު ކުރުމަށް ފައިވިއްދައިގެން އޮތް އިންޑިއާއާއި ދެމެދު އިސް ވަޒީރުންގެ ފެންވަރުގެ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް މި 2 ގައުމުންވެސް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މައިކަލް ޕޮމްޕޭއޯ އާއި ދިފާއި ވަޒީރު ޑރ މައިކް ޓީ އެސްޕާއާއި، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރާއި ދިފާއީ ވަޒީރު ރާޖުނާތު ސިންހާ ދެމެދު، މިމަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވަނީ މިމަހުގެ 26 އަދި 27 ވަނަ ދުވަހަށެވެ. މި ބައްދަލުވުންތަކަށް ރިއާޔަތް ކުރަނީ 2+2 މިޓީންގްގެ ގޮތުގައެވެ.
ކުރިއަށް އޮތް 2+2 ބައްދަލުވުމުގެ އެޖެންޑާއަށް ބަލާއިރު އެއް ނުކުތާއަކީ ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް (ބެކާ) އެވެ. ބެކާގެ މޫ ގުޅިފައިވަނީ ދިފާއީ ރޫހަކާއެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ ބައްދަލުވުންތަކުގައި "ލެމޯއާ" އަދި "ކޮމްކާސާ"ގެ ނަމުގައި އެއްބަސްވުންތަކެއް އެކުލަވާލާފައި ވާއިރު، "ބެކާ" އަކީ ދިފާއީ ބަދަހި ގުޅުމުގައި ޖަހާ ރަސްމީ، 3 ވަނަ ސިއްކައެވެ.
ބެކާ އަކީ ކޮބާ؟
ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް (ބެކާ) މައިގަނޑު ގޮތެއްގައި އަމާޒު ވަނީ ޖިއޮސްޕޭޝަލް އިންޓެލިޖަންސްއަށެވެ. މިއީ ޖިއޮގްރަފީ ގޮތުން ގައުމު އޮންނަ ސަރަހައްދުން ޖާސޫސީ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް ބާރު ދެނިވި ނުކުތާއެކެވެ. ދިފާއީ ބޭނުންތަކަށްޓަކައި ޗާޓުތަކާ، ސެޓެލައިޓް ފޮޓޯޓައް ހިއްސާކުރެވޭނެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކަނޑުބޯޓެއް ދުއްވުމާ، މަތިންދާބޯޓެއް އުދުއްސުމާ، ހަނގުރާމަ ކުރުމާ، އަމާޒެއް ލޮކޭޓް ކުރުމާ، ގުދުރަތީ ކާރިސާތަކަށް އިޖާބަ ދިނުމާ، ސެލްފޯނެއްގެ އެހީގައި އެއްތަނުން އަނެއް ތަނަށް ދިއުމަށްވެސް ޖިއޮސްޕޭޝަން އިންޓެލިޖެންސަށް ބަރޯސާވާންޖެހެއެވެ.
ބެކާގައި ސޮއިކުރުމާއެކު އެމެރިކާއިން ތަރައްގީ ކޮށްފައިވާ ޖިއޮސްޕޭޝަލް އިންޓެލިޖެންސާއި، މިސައިލްއާއި ހަތިޔާރުއެޅި ޑްރޯން ފަދަ އޮޓޮމެޓިކަ ހަތިޔާރުގެ އަމާޒު ކަށަވަރު ކުރުމަށް އިންޑިއާއަށް ފުރުސަތު ހުޅުވޭނެއެވެ. ބިމުގެ ސަތަހަ ފެތުރިފައިވާ ގޮތުގެ ތަސްވީރާއި، އެރޯނޮޓިކަލް ޑޭޓާގެ އިތުރުން ނިޔެމިކަމާ އަމާޒު ދެނެގަތުމާ ގުޅޭ މުހިންމު މައުލޫމާތުވެސް އިންޑިއާއަށް ލިބޭނެއެވެ.
އާންމު ދިރިއުޅުމުން މިސާލެއް ދަންނަވަނީ ނަމަ ދާން ނޭނގޭ ތަނަކަށް ދާން ފޯނުން ޖީޕީއެސް ޖައްސައިގެން އެތަނަކަށް ދާ ފަދައިން، ބެކާގައި ސޮއިކުރުމާއެކު އިންޑިއާގެ އަސްކަރީ ނިޒާމަށް އެންމެ ޒަމާނީ ފެންވަރުގެ ޖީޕީއެސް ނެވިގޭޝަން ހިދުމަތް ލިބޭނެއެވެ. މިސައިލްތައް ހޯދުމަށް ރިއަލް-ޓައިމް އުސޫލުން ޖާސޫސީ، ކަށަވަރު މައުލޫމާތު ލިބޭނެއެވެ.
ބެކާއަކީ އިންޑިއާއާއި އެމެރިކާގެ ވައިގެ އަސްކަރިއްޔާއާ ދެމެދު ބަދަހި ކުރާ ގުޅުމުގެ އަސާސް ކަމުގައިވެސް ދެންނެވިދާނެއެވެ. 2016 ވަނަ އަހަރު ސޮއިކުރި "ލެމޯއާ" އަކީ އެ ގައުމުގައި ހުރި މުހިންމު އެސެޓްތައް އަނެއް ބައިވެރިޔާއަށް ބަޔާންކޮށްދޭ ދަރަޖައަށް އިތުބާރު އުފައްދަނިވި އެއްބަސްވުމެކެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރި "ކޮމްކާސާ" އެއްބަސްވުމަކީ، ދެ ގައުމުގެ އަސްކަރިއްޔާއާއި ދެމެދު އެންކްރިޕްޓްކޮށްގެން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވާ ދަރަޖައަށް އިތުބާރު ގާއިމުކުރި އެއްބަސްވުމެކެވެ. ކުރިއަށް އޮތް "ބެކާ" އެއްބަސްވުމަކީ، މަތީ ދަރަޖައިގެ ސިއްރު މައުލޫމާތު، އެއްވެސް ކަމެއް ގުރުބާން ކުރަން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު ހިނދުން ހިނދަށް ފޯރުކޮށްދިނުމަށް ބާރުދޭނެ އެއްބަސްވުމެކެވެ.
ބޯޑަރު މައްސަލައަށް ކުރާނީ ކޮން އަސަރެއް؟
ޒަމާންވީ ހަތުރުންގެ ގޮތުގައި އިންޑިއާއާއި ޗައިނާއަކީ ސަރަހައްދީ އިމުގެ ގޮތުން ބޯޑަރު ހިއްސާކުރާ 2 ގައުމަށް ވާއިރު، މި ދަނޑިވަޅަކީ ފާއިތުވީ 30 އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދެ ގައުމުން އެންމެ ދިގު މުއްދަތަކަށް ބޯޑަރުގައި ކޯޅެމުންދާ ދަނޑިވަޅެކެވެ.
އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ބޯޑަރުގައި، މިއަހަރުގެ މެދަކާ ހިސަބުން ފެށިގެން އަސްކަރީ ނުތަނަވަސްކަން އުފެދިފައި ވާއިރު، މިކަމުގައި އިންޑިއާއަށް ފާޅުގައި އެއްބާރުލުން ދެމުންދަނީ އެމެރިކާއިން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ޖާސޫސީ މައުލޫމާތު ހިއްސާ ކުރުމާއި، އަސްކަރީ އެއްބާރުލުން ދިނުމުގައި އިންޑިއާއާއި އެމެރިކާއިން މި މައްސަލާގައި ގުޅުން ބަދަހި ކޮށްފައި ވަނީ ތާރީހު ނުދެކޭ ދަރަޖައަކަށެވެ. އެމެރިކާގެ ހާރިޖީ އަދި ދިފާއީ އެންމެ އިސް އޮފިޝަލުންނާ އިންޑިއާގެ އޮފިޝަލުންނާ ދެމެދު، މި އަހަރުގެ ޖޫން މަހުން ފަށައިގެން މިހިންމު މަޝްވަރާތަކެއް ދަނީ ކުރަމުންނެވެ.
1962 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އެމެރިކާއާއި އިންޑިއާގެ ގުޅުން އިންތިހާއަށް ބަދަހި ކޮށްފައި ވާއިރު، މި ދުވަސްރަކީ ސަލާމާތީ ބާރުތަކާއި އަސްކަރިއްޔާއާއި ދެމެދު މައުލޫމާތު ބަދަލު ކުރުމާއި، ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގައި އިންޑިއާއާއި އެމެރިކާއިން ވަރުގަދަ ގޮށެއް ޖަހާ، ބަނދެވިފައިވާ ދުވަސްވަރެކެވެ. މި ގުޅުމުގެ ތެރެއިން، އެންމެ ހައްސާސީ ސެޓެލައިޓް ފޮޓޯޓަތައް ހިއްސާކުރެވެއެވެ. ފޯނުކޯލުތައް އަޑުއެހެއެވެ. 3488 ކިލޯމީޓަރަށް ދެމިގެންދާ އެލްއޭސީ ބޯޑަރުގައި ޗައިނާގެ އަސްކަރިއްޔާ ރުކުރުވަމުން ދާ ގޮތާއި، ހަތިޔާރު އަތުރަމުންދާ ގޮތް ހިއްސާކުރެވެއެވެ. އެލްއޭސީގެ ހުރިހާ ދިމާލަކުން ޗައިނާ އަޅަމުންދާ ކޮންމެ ފިޔަވަޅެއް އިންޑިއާއަށް ފެނެއެވެ.
އެލްއޭސީ ބޯޑަރުގައި އިންޑިއާއިން މިހާރުވެސް ދަނީ އެމެރިކާގެ އަސްކަރީ ފެންވަރުގެ 5 އާލާތެއް ބޭނުން ކުރަމުންނެވެ. ބެކާއާއިއެކު، މިކަމަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެއެވެ.
މިހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ކޮބާ؟
މަންޒަރު ވަރަށް ސާފެވެ. އަސްކަރީ ޓެކްނޮލޮޖީގެ ރޭހުގައި ކުރީގައި އުޅޭ ރަޝިއާގެ އާލާތްތަކާ އަސްކަރީ ޕްލެޓްފޯމުތަކުން އިންޑިއާ މިންޖު ކުރުމަކީ އެމެރިކާގެ އެންމެ ބޮޑު އެއް މަގުސަދެވެ. ޓެކްނޮލޮޖީއާއި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތު، އިންޑިއާއާއިން ރަޝިއާގެ ސަރުކާރާ ހިއްސާކޮށްފާނެ ކަމަށް އެމެރިކާ ޖެހިލުންވެއެވެ.
އަދާ ހިސާބަށް އާދެވުނުއިރު އިންޑިއާއިން ވަނީ ރަޝިއާއިން ތަރައްގީ ކޮށްފައިވާ އެސް-400 މަރުކާރުގެ މިސައިލުން ދިފާއުވާ ނިޒާމު ގަތުމައިގެން ކުރިއަށް ގޮސްފައެވެ. މިއީ އެމެރިކާއަށް ހަޖަމްކުރަން ދަތި ކަމެކެވެ. އިންޑިއާއިން މި ގޮތަށް ކަން ކުރުމުގައިވެސް ސަބަބުތަކެއް ވެއެވެ. އަފްގާނިސްތާނަށް "ވަދެނިކުމެވުމަށް" އެމެރިކާއަށް އޮތް އެންމެ މުހިންމު އެއް ޕްލެޓްފޯމަކީ، އިންޑިއާގެ އަނެއް ހަތުރު ކަމުގައިވާ ޕާކިސްތާނެވެ. އަފްގާނިސްތާނަށް ފާރަވެރިވުމަށް އެމެރިކާގައި އޮތް މަސްލަހަތެއްގެ ސަބަބުން، ޕާކިސްތާނު "އެއްލާލުމަކީ" އެމެރިކާއިން ކުރާނެ ކަމެއް ނޫނެވެ. މި ގުޅުމަކީ އިންޑިއާ ޖެހުލުންވާ ގުޅުމެކެވެ.
މި ހުރިހާ ކަމެއްގެ މައްޗަށް އަންނަނީ ޗައިނާއެވެ. ޗައިނާއަކީ އެމެރިކާއާއި އިންޑިއާގެވެސް ހަތުރެކެވެ. މި ދަނޑިވަޅަކީ ދުނިޔޭގެ ސުޕާޕަވަރުގެ ގޮތުގައި ޗައިނާ ޕްރޮމޯޓް ވުމަށް އެ ގައުމުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއް ކަމުން، އެމެރިކާއާއިއެކު ގުޅުންތަކެއް ބަދަހި ކުރުމަށް އިންޑިއާއަށް މަޖުބޫރުވެއެވެ. އަދި ޗައިނާގެ ކޮންޓްރޯލުން އިންޑިއާ ކަނޑުގެ ސަރަހައްދު މިންޖު ކުރުމަށް، އިންޑިއާއާ ގުޅުން ބޭއްވުމަށް އެމެރިކާއަށްވެސް މަޖުބޫރުވެއެވެ.
އެމެރިކާއާއި އިންޑިއާއާއި ދެމެދު ދިފާއީ އިމުގެ ތެރެއިން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ސިޔާސީ ގޮތުން އެންމެ ވާދަވެރި 2 ޕާޓީއަކުން އެމެރިކާގެ ވެރިކަން ކުރި ދުވަސްވަރުއެވެ. "ލެމޯއާ"ގައި ސޮއިކުރީ ބަރާކް އޮބާމާގެ ވެރިކަމުގައެވެ. "ކޮމްކާސާ" އަކީ މިހާރުގެވެސް ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ މަސައްކަތެކެވެ. އެމެރިކާގެ މަސްރަހުގައި އެއްގަލަކަށް ދުވަހަކުވެސް ނާރާނެ ޑިމޮކްރަޓުންނާއި ރިޕަބްލިކަންސްގެ ސަރުކާރުތަކުގައިވެސް، އިއްތިފާގުވެ، އެއްގަލަކަށް އަރާ އެންމެ މުހިންމު އެއް ކަމަކީ އިންޑިއާއާއި އެމެރިކާގެ ބަދަހި ގުޅުން، ދުވަހަކަށް ވުރެ ދުވަހެއް، ވަރުގަދަ ކުރަންޖެހޭ ކަމެވެ.