ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަނަބުރާ އެ ގައުމަށް ގެންދިއުމާ މެދު ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ބައްދަލުވުން ބޭއްވުމަށް އެ ގައުމަށް ރާއްޖޭގެ ފަރާތުން ދާ ވަފްދު ފުރައިފިއެވެ.

މި ވަފުދުގައި ބައިވެރިވަނީ ކޮން ބައެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައެވެ. އަދި އެ ބައްދަލުވުމުގެ ދެވަނަ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ އިންޑިއާގައި ކަމަށް މީގެ ކުރިން ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ވަނީ އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލަން ބޭނުންވާ ކަމަށް ބުނެފައެެވެ. އަދި މި ކަމާ ގުޅިގެން ދެވަނަ ބައްދަލުވުމެއް ބާއްވާނީ އިންޑިއާގައި ކަމުގައި ވެސް އެ ބައްދަލުވުމުގައި އެއްބަސްވެފައި ވި ނަމަވެސް ބައްދަލުވުން ބާއްވާ ސީދާ ތާރީހެއް ހާމައެއް ނުކުރެއެެވެ.

އެ ބައްދަލުވުމަށް ފަހު ދިވެހި ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ. ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންސާނީ އެހީތެރި ކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓް ކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ.