ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭ ކަމަށް އިންފޯމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
އިތުބާރު ހިފޭ ފަރާތަކުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން ރަޖިސްޓްރޭޝަން ޕްރޮސެސްގައި ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު މިހާރު ފައިސާ ދެއްކުމަށް އެދިފައިވާ ކަމަށެވެ.
އެ މައްސަލަ "ދިޔަރެސް" ގެ ފަރާތުން ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.
ދިޔަރެސް އިން ބުނެފައި ވަނީ ހައިކޯޓުން މި މައްސަލަ އިންސާފުވެރިކޮށް ބަލާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބި އިރު މިތާ އެމީހުންގެ އަދަދު އެނގެންޖެހޭ ކަމަށެވެ. ދިޔަރެސްގެ ފަރާތުން ވަކީލެއްގެ ގޮތުގައި މި ކޭސްގައި މަސައްކަތް ކުރާނީ ކުރީގެ ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުވެސް އަދާ ކުރެއްވި މަރިޔަމް ނިހާޔަތު ކަމަށް ދިޔަރެސް ނޫހުން ބުނެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއްގެ ގޮތުގައި ހިންގާ "ދިޔަރެސް" ނޫހުގެ ފަރާތުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި ވަނީ އެދިފައެވެ. އެކަމާ ގުޅިގެން މި މައްސަލަ އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ އެ މައްސަލާގައި ދެ އަޑުއެހުމެއް ބާއްވާފައެވެ.
އެ އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ. އައިކޮމް އިން ބުނެފައި ވަނީ މި މައްސަލައާއި ގުޅިގެން މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ގާނޫނީ ހުއްޖަތެއް ޑިފެންސުން ހިއްސާކޮށްފައިވާ ކަމަށާއި އެ ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތެއް ކަމަށެވެ. އަދި އެ މައުލޫމާތަކީ ހިއްސާކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އައިކޮމްއިން ނިންމިއެވެ. އެހެން ނަމަވެސް މި ނިންމުމާމެދު ދިޔަރެސް އިން ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ގާނޫނުން ދީފައިވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވެފައި ވެއެވެ.
ރާއްޖޭއަށް ކުރިން ގެނައި ހެލިކޮޕްޓަރުތަކާއެކު އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެ އިތުރުން އިންޑީއާ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގާ ތަމްރީންތަކުގައި ވެސް ރާއްޖެއަށް އިންޑިއާ ސިފައިން އައިސް ވަނީ ހަރަކާތްތެރިވެފައެވެ.