ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާތެރި ބަލިމަޑުކަން ފެށުނު ފަހުން، މެލޭޝިއާއިން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފިއެވެ.
މެލޭޝިއާގެ ދައުލަތުން ހިންގާ ބެރްނާމާ ނިއުސް އޭޖެންސީއިން ރިޕޯޓް ކުރި ގޮތުގައި، އާދީއްތަ ދުވަހު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 871 އަށް އަރާފައެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މެލޭޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20498 އަށް އަރާފައެވެ.
މެލެޝިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް، ޑރ ނޫރު ހިޝާމްއާ ހަވާލާ ދީ، ބެރްނާމާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައި ވަނީ، ބޯނިއޯގައި އޮންނަ މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ސަބާހްއިންނެވެ.
ވެރިރަށް ކުއާލަލަމްޕޫރާއި ސަބާހް ހިމެނޭ ގޮތަށް މެލޭޝިއާގެ ބައެއް ސަރަހައްދުގައި މޫވްމަންޓް ކޮންޓްރޯލް އޯޑަރު ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ ހަފުތާގައެވެ. މި ގަވައިދުގެ ދަށުން ކައިވެނި ހަފުލާތަކާ ކުޅިވަރު އިވެންޓްތައް ބޭއްވުން މަނާ ކޮށްފައި ވާއިރު، ވަޒީފާ އަދާ ކުރަން ނޫން ގޮތަކަށް އެއް ޑިސްޓްރިކްޓުން އަނެއް ޑިސްޓްރިކްޓަށް ދަތުރު ކުރުންވެސް އޮތީ މަނާ ކޮށްފައެވެ.
މަތީ ތައުލީމު ހާސިލު ކުރުމާއި ވަޒީފާ އަދާ ކުރުން ފަދަ އެކި ބޭނުންތަކަށް، ގިނަ އަދަދެއްގެ ދިވެހިން މެލޭޝިއާގައި ވަޒަންވެރިވެގެން ދިރިއުޅެމުންދެއެވެ.