މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ހޯދުމަށް ސައެންސްވެރިން އަވަދި ނެތި މަސައްކަތް ކުރަމުންދާއިރު، އުމުރުން އެންމެ 14 އަހަރުގެ އަނީކާ ޝިބްރޯލޫގެ ނަން ފާހަގަ ނުކޮށް ދޫކޮށްލުމަކީ އިންސާފަކަށް ނުވާނެއެވެ.
އަނީކާއަކީ، 25000 ޑޮލަރުގެ އަގުހުރި، 2020 ތްރީ އެމް ޔަންގް ސައެންޓިސްޓް ޗެލަންޖު ކާމިޔާބުކޮށް މުޅި ދުނިޔެ ސިއްސުވާލި ކުޑަކުޑަ ސައެންޓިސްޓެވެ. 2020 ތްރީ އެމް ޔަންގް ސައެންޓިސްޓް ޗެލަންޖު، އަންކީތާ ކާމިޔާބު ކުރީ، ކޮވިޑް-19ގެ ތެރަޕީއެއް ހުށަހަޅައިގެންނެވެ.
ޗެލަންޖަށް ހުށަހެޅި އީޖާދަކީ އިން-އިލީކޯ މެތަޑޮލޮޖީ ބޭނުން ކޮށްގެން ފުރިހަމަ ކުރި އީޖާދެކެވެ. މި އީޖާދަކީ، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާ ވައިރަސް 2 (ސާސްކޮވް-2)ގެ ސްޕައިކް ޕްރޮޓީންއާއި ގުޅާލަދޭ ލީޑް މޮލެކިއުލްއެއް ދެނެގަތް އީޖާދެކެވެ.
މިއީ ކޮވިޑް-19ގެ ފަރުވާއަށް ވެދާނެ ކަމަށް، ދުނިޔޭގެ އެކި ކަންކޮޅިތަކުން ވަކާލާތު ކުރަން ފަށާފައި ވާއިރު، އަންކީތާވެސް މިހާރު އެންމެ ބޭނުން ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާގެ ކުރިން، އިހު އުޅުނު ގޮތަށް ދިރިއުޅުމުގެ ކަންކަން ބަދަލުވެގެން ދާނެ ދުވަހެއް އައުމަށެވެ.
އެމެރިކާގައި ދިރިއުޅެމުން އަންނަ އިންޑިއާ ދަރިކޮޅުގެ އަނީކާގެ ޕްރޮޖެކްޓުގެ އަސްލަކީ ކޮވިޑް-19އެއް ނޫނެވެ. މަސައްކަތް ފެށިއިރު، އަނީކާގެ ޕްރޮޖެކްޓް އަމާޒު ކުރީ އިންފުލުއެންޒާ ވައިރަހަށެވެ.
އަނީކާ ބުނި ގޮތުގައި ބަލިމަޑުކަމަށް ޝިފާއެއް ހޯދުމަށް ޕްރޮޖެކްޓް އަމާޒު ކުރަން ފުރަތަމަ ހިޔާލު އައީ 1918 ގެ ސްޕެނިޝް ފްލޫއަށް ރިއާޔަތްކޮށްގެން ކަމަށެވެ.
އަނީކާ ބުނީ ޕްރޮޖެކްޓަށް ދިރާސާތައް ހަދަމުން ދިޔައިރު، ޚުދު އޭނާގެ ހަގީގީ ދިރިއުޅުން އޮތީ އެފަދަ ބަލިމަޑުކަމެއްގައި ކަން ގަބޫލުކުރަން ޖެހުމަކީ ހައިރާންކަން ގެނުވި ކަމެއް ކަމަށެވެ. ކޮވިޑް-19ގެ ނުރައްކާ ބޮޑުވަމުން ދިޔަ ގޮތް އިހުސާސްވެ، އޭނާގެ މެންޓޯގެ އިރުޝާދާއެކު، ޕްރޮޖެކްޓްގެ މިސްރާބު، ކޮވިޑް-19އާ ދިމާލަށް ބަދަލުކޮށް، ދުނިޔެ ސިއްސުވާލިއެވެ.
2020 ތްރީ އެމް ޔަންގް ސައެންޓިސްޓް ޗެލަންޖުގެ ފަނޑިޔާރަކުވެސް ވަނީ، އަނީކާގެ ޕްރޮޖެކްޓް ސަބަބުން ސައެންސްގެ ދުނިޔެއަށް ހިތްވަރު ލިބިގެން ދިޔަ ކަން ފާހަގަކުރައްވާފައެވެ.
އަނީކާ މިހާރު އަމާޒު ހިފާފައި ހުރީ ތަޖުރިބާކާރު ސައެންސްވެރިންނާއެކު މަސައްކަތްކޮށް، އޭނާގެ މަޝްރޫއުގައި ހަގީގީ ކުލަ ޖައްސައިގެން ކޮވިޑް-19ގެ ކާރިސާއިން އަރައިގަނެވޭނެ ދުވަހެއް ހޯދުމަށެވެ.