އަދާ ޖެހުނު އިރު ވެސް ފަރުވާ އެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިނެއްގެ އަސާސީ އަމާޒަކީ، ވައިރަހަށް ޕޮޒިޓިވް ވާ މީހުން، ބަލި ވާ މިންވަރު ކުޑަ ކުރުން ކަމަށް، އެމެރިކާގެ ސިއްހީ އޮފިޝަލު އަދި ތަޖުރިބާކާރު، ޑރ އެންތަނީ ފައޫޗީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ކޭސް ތައް ރެކޯޑް އަދަދު ތަކުން ރިޕޯޓް ކުރަމުން އަންނަ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ގެ ޑައިރެކްޓާ، ޑރ ފައޫޗީ، ޔާހޫ ފައިނޭންސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ބަލި ނުޖެހޭނެ ދިފާއެއް ހޯދުމަކީ ވެކްސިންގެ ދެވަނަ އަމާޒު ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، ވައިރަހަށް އިންފެކްޓްވެސް ނުވާ ފަދަ ވެކްސިނެއް ލިބުމަކީ އިންތިހާއަށް ހެޔޮ ނަސީބެއް ކަމަށް ޑރ ފައޫޗީ ވިދާޅުވިއެވެ. އޭނާއާއި އޭނާގެ ޓީމުން މިވަގުތުވެސް އެކަމަކަށް ރުހުން ދޭނެ އެއް ވެކްސިނަކީ، ވައިރަހުގެ އަސަރުކޮށްގެން ބަލިވާ މީހުންގެ އަދަދަށް ނިމުން ގެނުވަނި ވެކްސިނެއް ކަމަށް ވެސް ޑރ ފައޫޗީ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް، ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާ އިރު، 100 އަށް ވުރެ ގިނަ ވެކްސިން ކެންޑިޑޭޓުން ވަނީ ދަފުތަރު ކޮށްފައެވެ. މީގެ ތެރެއިން، އާންމު ބޭނުމަށް ވެކްސިން ނެރުމުގެ ކުރިން، ފުރިހަމަ ކުރަންޖެހޭ ފޭސް-3 ނުވަތަ 3 ވަނަ މަރުހަލާގެ ޓްރަޔަލްތަކުގައި 12 ވެކްސިން ކެންޑިޑޭޓެއް އެބައޮތް ކަމަށް އެންމެ ފަހުގެ ރެކޯޑް ތަކުން ދައްކައެވެ.

ކޮވިޑް-19އަށް ވަކި ވެކްސިނެއް ކަނޑައެޅިފައި ވާ ކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަދިވެސް ކަށަވަރު ކޮށްދީފަ އެއް ނުވެއެވެ.