އަނގައާއި ހިރުގަނޑުގެ ސާފު ތާހިރު ކަމަށް ބޭނުން ކުރާ މައުތުވޮޝްއަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް ހުށަހެޅޭތާ 30 ސިކުންތު ތެރޭގައި، އެ ވައިރަސް މަރާލާ ކަމަށް ސައެންސްގެ ދިރާސާއަކުން ދައްކައިފިއެވެ.

ކާޑިފް ޔުނިވާސިޓިގެ ސައެންސްވެރިން، ހާއްސަ ލެބެއްގެ މާހައުލުގައި ކުރިއަށް ގެންދިޔަ މި ދިރާސާގެ ހޯދުންތަކާއެކު، ހަމަ ކޮންމެ މީހަކަށްވެސް ފަސޭހަ ކަމާއެކު ގަންނަން ލިބެން ހުރި މައުތުވޮޝް ބޭނުން ކޮށްގެން، ކޮވިޑް-19 ޖައްސާ ނައްތާލެވިދާނެ ކަމުގެ އުއްމީދު މި ވަނީ ބޮޑުވެފައެވެ.

މީހަކު މައުތުވޮޝް ބޭނުން ކުރަން ތައްޔާރު ވަނީ / ފޮޓޯ: އެންވައިޕީ

ދިރާސާ ޓީމުން ދަނީ، ޔުނިވާސިޓީ ހޮސްޕިޓަލް އޮފް ވޭލްސްގައި ތިބި ކޮވިޑް-19 ޕޭޝަންޓުންގެ ހަށިގަނޑުގައި މި ދިރާސާ ޓެސްޓު ކުރުމުގެ މަސައްކަތަށް ތައްޔާރު ވަމުންނެވެ.

ޑރ ނިކް ކްލޭޑަން ވިދާޅުވީ، މި ދިރާސާގެ ހޯދުންތަކަށް ޖަވާބު ލިބޭ ގޮތަކުން، މައުތުވޮޝްއަކީ އިންސާނުންގެ އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށްވެސް ހަދަން ޖެހިދާނެ ކަމަށެވެ. ނަމަވެސް، އެއީ މާސްކު އެޅުމާއި، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާއި، ގިނަގިނައިން، ރަނގަޅަށް އޮތް ދޮވުމުގެ އާދައާވެސް އެކުގައި ކަމަށް ޑރ ކްލޭޑަން ވަނީ ފާހަގަ ކުރައްވާފައެވެ.

މައުތުވޮޝް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޕީޕަލް

މައުތުވޮޝް ބޭނުން ކުރުމުގެ ސަބަބުން، ކުޅުގައި ހުންނަ ވައިރަހުގެ އަސަރު ނައްތާލުމުގެ ފުރުސަތު އޮތް ނަމަވެސް، މިއީ ކޮވިޑް-19ގެ ފަރުވާ ނޫން ކަން ހަނދާން ކުރަން ޖެހެއެވެ. މައުތުވޮޝްއަކީ ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ތެރެއަށް ފޮނުވާލާ އެއްޗެއް ނޫން ކަމުން، މިއީ ކޮވިޑް-19ގެ ފަރުވާ ކަމަށް ދައްކާނެ އެއްވެސް ހެއްކެއް ނެތެވެ.

ކާޑިފް ޔުނިވާސިޓިގެ ދިރާސާގައި ބޭނުން ކޮށްފައިވާ މައުތުވޮޝްގައި އެންމެ މަދުވެގެން 0.07 ޕަސެންޓަށް ސެޓީޕައިރިޑިނިއަމް ކްލޮރައިޑް (ސީޕީސީ) އެކުލެވެއެވެ. މި މާއްދާ އެކުލެވޭ މައުތުވޮޝްގެ އެހީގައި ވައިރަހުގެ ލޯޑް ކުޑަކޮށްލަދޭ ކަމަށް ބުނާ އެހެން ދިރާސާއެއްވެސް އޮވެއެވެ.

މީހަކު މައުތުވޮޝް ބޭނުން ކުރަން ތައްޔާރު ވަނީ / ފޮޓޯ: މެނޫސް ޑެންޓަލް

ކާޑިފްގެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ ރިޗާޑް ސްޓޭންޓަން ވިދާޅުވީ، ހިރުގަނޑުގެ ބަލިތަކާ ދެކޮޅަށް އުފައްދާފައިވާ މައުތުވޮޝްތަކަކީ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އާ ދެކޮޅަށް ހަނގުރާމަ ކޮށް، ކާމިޔާބު ހޯދާ މައުތުވޮޝްއެއް ކަމަށް ބާރު ދޭ ހެކި ލިބިފައި ވާ ކަމަށެވެ. ނަމަވެސް، އެއީ ވަކި ހާއްސަ ޝަރުތުތަކަކާއެކު ލެބެއްގައި ކުރިއަށް ގެންދިޔަ ތަހުލީލުތަކެއް ނަތީޖާ ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ދިރާސާއަކީ އަދި ޕިއާ ރިވިއު ކޮށްފައި ވާ ދިރާސާއެއް ނޫނެވެ. މާނައަކީ، މިނިވަން ސައެންސްވެރިންގެ ޓީމުތަކުން، މި ދިރާސާ "ހަނާކޮށްފައި" ނުވާ ކަމެވެ. އެހެންކަމުން، ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ގަވައިދުތަކާ، އިރުޝާދުތަކަށް ބޯލަނބަމުން ދިއުމަށްވެސް ކާޑިފްގެ މުސައްނިފު ވަނީ ގޮވާލައްވާފައެވެ.