ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ކުރުމަށް އާ އެންޓިވައިރަލް ޑްރަގެއް ބޭނުން ކުރުމުން، ވައިރަސް ފެތުރިގެން ދާ ދިއުން، 24 ގަޑިއިރުގެ ތެރޭގައި މުޅިން ހުއްޓުވާލެވޭ ކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.

ޖޯޖާ ސްޓޭޓް ޔުނިވާސިޓީ (ޖީއެސްޔޫ)ގެ ދިރާސާ ޓީމުން ކުރިއަށް ގެންދިޔަ ދިރާސާގައި ރިއާޔަތް ކުރާ އެންޓިވައިރަލް ބޭހަކީ، "އެމްކޭ-4482/އީއައިޑީޑީ" ނުވަތަ "މޮލްނުޕިރަވިއާ" އެވެ. ޖީއެސްޔޫގެ ޓީމުން ކުރިއަށް ގެންދިޔަ ދިރާސާ އާންމު ކޮށްފައި ވަނީ ނޭޗާ މައިކްރޮބައޮލޮޖީ ޖާނަލްގައެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރުން 24 ގަޑިއިރު ތެރޭ ހުއްޓުވާލާ ކަމަށް ބުނާ "އެމްކޭ-4482/އީއައިޑީޑީ" ނުވަތަ "މޮލްނުޕިރަވިއާ" / ފޮޓޯ: ލަރާޒޮން

ދިރާސާގެ މުސައްނިފު، ރިޗާޑް ޕްލެމްޕާ ވިދާޅުވީ، "އެމްކޭ-4482/އީއައިޑީޑީ" އިންގިލާބީ ބަދަލެއް ގެނުވާނެ ބޭހެއް ކަމަށެވެ. އެހެނީ މި ބޭހަކީ، އަނގައިން ދިރުވާލައިގެން ކާ ބޭސްތަކުގެ ތެރެއިން، ކޮވިޑް-19 ފެތުރިގެން ދާ ދިއުން ހަލުވި ދުވެއްޔެއްގައި ކޮންޓްރޯލް ކުރުމުގެ ބާރު ލިބިފައިވާ ބޭހަކަށް ވިޔަތީ ކަމަށްވެސް އޭނާ ވަނީ ފަހަގަ ކުރައްވާފައެވެ.

މިއީ ފަސޭހައިން ކާލެވޭ ބޭހެއް ކަމުން، ދުރާލާ ބޭސް ފެށުމަކީ 3 ގުނަ ފައިދާ ލިއްބައިދޭ ކަމެއް ކަމަށް ބުނެވެއެވެ. އެގޮތުން ބަލި ހާލަތު ސީރިއަސް ނުވެ ކޮންޓްރޯލް ކުރެވުމާއި، އިންފެކްޝަން ފަތުރާ މުހުލަތު ކުރު ކުރެވުމާއި، އެކަހެރިވެ އައިސޮލޭޝަންގައި ގިނިކަންޏާ އޮންނަންޖެހޭ މުއްދަތު ކުރުވުމުން އިޖުތިމާއީ-ނަފްސާނީ ގޮތުން ފައިދާ ލިއްބައި ދިނުން ހިމެނެއެވެ.

ޖީއެސްޔޫގެ އެންޓިވައިރަލް ޑްރަގްގެ ދިރާސާ އަދި ކުރިއަށް ގެންގޮސްފައިވަނީ ޖަނަވާރު ބައިވެރިކޮށްގެންނެވެ.