ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފަރުވާއެއްގެ ގޮތުގައި އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ރިޖެނެރޯންއިން ތަރައްގީ ކޮށްފައިވާ އެންޓިބޮޑީ ތެރަޕީ، މިއަދުގެ ވަގުތެއްގައި ޕޭޝަންޓުންނަށް ފޯރުކޮށްދޭން ފަށާނެ ކަމަށް، އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސަސް ސެކްރެޓަރީ އެލެކްސް އަޒާރް ވިދާޅުވެއްޖެއެވެ.
ރިޖެނެރޯންއިން ތަރައްގީ ކޮށްފައިވާ އެންޓިބޮޑީ ތެރަޕީއަކީ، އުމުރުން 12 އަހަރުން މަތީގެ ޕޭޝަންޓުންގެ ތެރެއިން ކޮވިޑް-19 ޖެހި އާދައިގެ އަލާމާތްތައް ފެންނަ ޕެޝަންޓުންނާއި، ބަލި ހާލަތު ގޯސްވެދާނެ ކަމަށް ބަލާ ޕޭޝަންޓުންނަށް ދިނުމަށް، ކުއްލި ހާލަތުގެ ހާއްސަ ހުއްދައިގެ ދަށުން، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފައިވާ ފަރުވާއެކެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ރިޖެނެރޯންއިން ތަރައްގީ ކޮށްފައިވާ އެންޓިބޮޑީ ތެރަޕީ (ރިޖެން-ކޮވް2) ނަންގަވާފައެވެ. ރިޖެން-ކޮވް2 ތަރައްގީ ކޮށްފައިވަނީ ޕޭޝަންޓުގެ ލޭގެ ތެރެއަށް ފޮނުވާލައިގެން، އިންފެކްޝަނަށް ދިފާއީ ނިޒާމު އިޖާބަ ދެނިވި ފަދަ ގޮތަކަށެވެ.
އަޒާރް ވިދާޅުވީ، ރިޖެނެރޯންއިން ތަރައްގީ ކޮށްފައިވާ އެންޓިބޮޑީ ތެރަޕީގެ 30000 ޑޯޒް މިއަދުވެސް ފަރުވާގައި ބޭނުން ކުރުމަށް ތައްޔާރު ކޮށްފައި ވާކަމަށެވެ. އަދި މި ފަރުވާ ދޭ ޕޭޝަންޓުން އަތުން އިތުރު ފީއެއް ނުނަގާނެ ކަމަށްވެސް އަޒާރް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް، އެލީ ލިލީ ކުންފުނިންވެސް ވަނީ އެންޓިބޮޑީ ތެރަޕީއެއް ތަރައްގީ ކޮށް، އެފްޑީއޭއިން، ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ސިއްކަ ހޯދާފައެވެ. ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން، 85000 ޕޭޝަންޓުން ވަނީ މި ތެރަޕީ ނަގާފައެވެ.
ކޮވިޑް-19 އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ވާ ކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.