އާތުރައިޓިސް ނުވަތަ ހުޅު ދުޅަވުމުގެ ބާވަތެއް ކަމަށްވާ "ރޫމަޓޮއިޑް އާތުރައިޓިސް" ނުވަތަ "ރާއްޖެ ބަލީ"ގެ ފަރުވާއަށް ބޭނުން ކުރާ 2 ޑްރަގަކުން، ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19) ޖެހި، ހާލު ސީރއަސް ވާ ޕޭޝަންޓުންނަށް އެހީއެއް ލިއްބައިދޭ ކަމަށް ބައިނަލްއަގުވާމީ ޓީމަކުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މި ޑްރަގްތަކުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށް އެހީވެދިނުމުގެ އިތުރުން، ބަލި ފަސޭހަ ވުމަށް ހޭދަވާ މުއްދަތު ކުޑަ ކުރުމަށްވެސް އެހީވެދޭ ކަމަށް، "ރީމެޕް-ކެޕް"ގެ ޓްރަޔަލްއިން ވަނީ ދައްކާފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެމެރިކާގެ ޔުނައިޓަޑް މެމޯރިއަލް މެޑިކަލް ސެންޓަރުގައި ފަރުވާ ހޯދަމުން އަންނަ ޕޭޝަންޓެއް / ފޮޓޯ: ރޮއިޓާޒް

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވާ ޕޭޝަންޓުންނަށް "ޓޮސިލީޒޫމާބް" އަދި "ސަރިލުމާބް" ދިނުމުން، ފުރާނަ ސަލާމަތް ކުރުމަށް 8.5 ޕަސެންޓް އެހީވިއިރު، ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އިން ދޫކޮށްލެވުނު މުއްދަތުވެސް ހަފުތާއެއް ނުވަތަ 10 ވަރަކަށް ކުޑަ ވި ކަމަށް ދައްކައެވެ.

"ރީމެޕް-ކެޕް"ގެ ސީނިއާ އިންވެސްޓިގޭޓާ އެންތަނީ ގޯޑަން ވިދާލުވީ، މިއީ މި ބަލި ޖެހުމަށްފަހު ފުރާނަ ސަލާމަތް ކުރުމަށް އޮތް ފުރުސަތަށް އައި ބޮޑު ބަދަލެއް ކަމަށެވެ. އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ޕްރޮފެސަރެއްގެ މަގާމުގައި ހުންނެވި ގޯޑަން އިތުރަށް ވިދާލުވީ، ޕޭޝަންޓުންގެ ބަލި ފަސޭހަވެގެން ދިޔަ ހަލުވި މިންވެސް ފާހަގަ ކުރެއްވުނު ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެމެރިކާގެ ޔުނައިޓަޑް މެމޯރިއަލް މެޑިކަލް ސެންޓަރުގައި ފަރުވާ ހޯދަމުން އަންނަ ޕޭޝަންޓެއް / ފޮޓޯ: ރޮއިޓާޒް

މި ދިރާސާ އެކުލަވާލާފައިވަނީ ކޮވިޑް-19 ޖެހި، ހާލު ކުރިޓިކަލް ވި 800 އަށް ވުރެ ގިނަ ޕޭޝަންޓުންގެ މައުލޫމާތު މައްޗަށް ބިނާކޮށެވެ. އެއީ 6 ގައުމަކަށް ނިސްބަތްވާ ޕޭޝަންޓުންނެވެ. އަދި މި ޕޭޝަންޓުންނަކީ ވަރަށް ކުރިޓިކަލް ހާލުގައި އޮތް ޕޭޝަންޓުން ކަންވެސް ދިރާސާ ޓީމުން ފާހަގަ ކުރެއެވެ.

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ނުހޯދެއެވެ. އަދި ވަކި ފަރުވާއަކީ އެންމެ ރަނގަޅު ފަރުވާ ކަމަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ، ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.

ރޫމަޓޮއިޑް އާތުރައިޓިސްގައި ދިފާއީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުމުން، އެކަމުގެ ސަބަބުން ހުޅުތައް ހަލާކުވެދަނީ އެވެ.