އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ، އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވާ ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މިއީ މުޅި ދުނިޔެ މިހާރު ތަޖުރިބާ ކުރަމުން ދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ފަހުން، ގައުމުން ބޭރަށް ޝްރިންގްލާ ކުރައްވާ 3 ވަނަ ދަތުރެވެ. މީގެ ކުރިން އޭނާ ވަނީ ބަންގްލަދޭޝްއާއި މިޔަންމާއަށް ވަޑައިގެންފައެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު ދިވެހިރާއްޖެއާއި އިންޑިއާގެ ޒަމާންވީ ހާރިޖީ ގުޅުންތައް ވަނީ އިތުރު ބަދަހިވެފައެވެ. ވަކިން ހާއްސަކޮށް، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިންޑިއާއިން ދަނީ ދިވެހިރާއްޖެއަށް ދީލަތި އެހީތަކެއް ފޯރުކޮށްދެމުން ކަން ފާހަގަކުރަންޖެހެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރާ ބެހޭ މައުލޫމާތެއް ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރި ދުވަހުގެ އެއް ދުވަސް ކުރިން، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބާވެސް މެއެވެ.