އެ ބައްޔަކުން ދިފާއުވާނެ ވެކްސިނެއް އަދިވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހޭ ފަރާތްތަކަށް ފަރުވާއެއްގެ ގޮތުގައި އެލި ލިލީ ކުންފުނިން ތަހުލީލު ކުރަމުންދިޔަ އެންޓިބޮޑީ ފަރުވާގެ ދިރާސާ މަޑުޖައްސާލައިފިއެވެ.

އެލީ ލިލީގެ ކޮވިޑް-19 އެންޓިބޮޑީ ފަރުވާ މަޑުޖައްސާލާފައިވަނީ ސަލާމަތާއި ރައްކާތެރި ކަމާ ގުޅުންހުރި ސަބަބުތަކާ ހެދި ކަމަށް ޚަބަރު ލިބެއެވެ.

އާންމު ގޮތެއްގައި މިފަދަ ދިރާސާތައް މަޑުޖައްސާލަނީ ދިރާސާގެ ބައިވެރިއަކަށް ސައިޑް-އިފެކްޓްތަކެއް ކުރިމަތިވެގެންނެވެ. ނަމަވެސް އެލި ލިލީ އިން މިފަދަ އެއްވެސް ކަމެއް ތަފްސީލު ކޮށްދީފައެއް ނުވެއެވެ.

އެލީ ލިލީ ކުންފުނިން ބުނީ، ކްލިނިކަލް ޓްރަޔަލްތައް ވިލަރެސްކުރަމުންދާ ޑޭޓާ ސޭފްޓީ މޮނިޓަރިންގް ބޯޑުން ދިރާސާ މަޑުޖައްސާލަން އިރުޝާދު ދީފައި ވާ ކަމަށެވެ.

އެލީ ލިލީއިން ތަޖުރިބާ ކުރަމުންދަނީ ލެބުގައި ފަރުމާކޮށްފައިވާ މޮނޯކްލޯނަލް އެންޓިބޮޑީތަކެއް އެއްކޮށްގެން ތައްޔާރުކޮށްފައިވާ ޑްރަގްއެކެވެ. މިއީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިން ރިޖީނެރޯންގެ ފަރުވާއާ ދާދި އެއް ކަހަލަ ފަރުވާއެކެވެ. އެލީ ލިލީއިން ފަރުވާ ތަޖުރިބާ ކުރަމުންދަނީ ކޮވިޑް-19 ޖެހި ހާލު ސީރިއަސްވާ ޕޭޝަންޓުންނަށް ބަލައިގެންނެވެ.