މުޅި ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ދަރިއަކު ހޯދަން ބޭނުންވެފައި ތިބި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިންގަޕޫރުން ނިންމައިފިއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރުގެ ނައިބު ހެންގް ސްވީ ކިއާތް ވިދާޅުވީ، މި އެހީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މާލީ ގޮތުން ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކާ، ވަޒީފާގެ ނުތަނަވަސްކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ލިއްބައިދޭނެ އެހީއެއް ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ހެންގް ވިދާޅުވީ، ދަރިން ހޯދަން ބޭނުންވެފައި ތިބި މީހުން، ކޮވިޑް-19ގެ ސަބަބުން، އެ ޕްލޭންތައް ފަސް ކުރަމުން ދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާ ކަމަށެވެ.

ބަލިމަޑުކަމުގެ ތެރޭގައި ދަރިން ހޯދަން ބޭނުންވާ މީހުންނަށް މި މަޝްރޫއުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެންގެ ވިދާޅުވި ނަމަވެސް، މާލީ އެހީގެ ގޮތުގައި ފޯރުކޮށްދެނީ ކިހާ މިންވަރެއް ކަން އޭނާ ތަފްސީލު ކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް، މި އެހީއަކީ އެއް ފަހަރާ، ގަނޑުކޮށް ދޭނެ އެހީއެއް ކަމަށް ޚަބަރު ލިބެއެވެ.

ސިންގަޕޫރަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ލަސް ދުވެލީގައި އާބާދީ އިތުރުވަމުން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮންނަ ގައުމެކެވެ. އެ ގައުމު ދުށް އެކި ސަރުކާރުތަކުންވެސް މިކަމަށް ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރި ނަމަވެސް، އަދި ކާމިޔާބު ވާ ގޮތެއް ނުވެއެވެ.