ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ބޯޓެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހާޒިރުކޮށްގެން ބޭއްވުމަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މި މައްސަލަ މިހާރު ވެސް ތަހްގީގުކުރަމުން ދާތީ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ހުށަހެޅުން ކޮމިޓީން ބަލައިގަނެ، ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ އެއާ ޖެހިގެން އަދި ދުވަހު ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު' އާއި، ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑު ބަލައި ފާސްކޮށްފައެވެ. ގާތްގަނޑަކަށް 1.7 މިލިއަން ސިނގިރޭޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ހިދުމަތުން އޭރު ބުންޏެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހޯކްސް ކުންފުނިން އޭރު ބުނީ، މި ކަމުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، ސިނގިރޭޓު އެތެރެކުރި މުވައްޒަފުން އެކަން ކުރީ އަމިއްލަ މަންފާއަށް ކަމަށެވެ. އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން އޭރު ބުންޏެވެ.

މި މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ކަސްޓަމްސް ހާޒިރުކޮށް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައެވެ.