ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ކެފޭތަކާ ރެސްޓޯރަންޓްތަކާއި ހޮޓާތަކުން ހިދުމަތް ނުލިބޭނެ ކަމަށް އެޗްޕީއޭ އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް ބާރު އެޅުމަށްޓަކާ ވެކްސިން ޖެހުމަށް ޝަރުތުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކާމެދު، ވަކިގޮތެއް އަންގަންދެން، ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • ހޮޓާ ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
  • ޖީމްތަކާއި، ސެލޫންތަކާއި، ސިނަމާތަކުން ހިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
  • ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން.
  • ރައްޔިތުންނާ ގާތުން ދޭންޖެހޭ އާންމު ހިދުމަތްތައް ދޭ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ، ވަކި ކަންކަމެއް ޝަރުތުކުރުން.
  • އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުވުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން

އެކަންކަމާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާ ފިޔަވަޅުތައް ކަނޑައަޅާ ސެޕްޓެމްބަރު 1، 2021 އިން ފެށިގެން އަމަލުކުރުމަށް އެފަރާތްތަކަށް އަންގާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅަން ނިންމި އިރު، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް އެކިއެކި ހިދުމަތް ދިނުމުގައި މިހާރުވެސް ބައެއް ތަންތަނުން ހިފެހެއްޓުން ގެންގުޅެއެވެ.

ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ސެޕްޓެމްބަރު 1 އިން ފެށިގެން ސްކޫލްތަކަށް ވަނުންވެސް ވަނީ މަނާ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 280،353 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 327،579 މީހުންނެވެ.

ރާއްޖެއިން 78،130 މީހަށް ކޮވިޑް ޖެހުނު އިރު 75،353 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.