މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓު އަލުން ގުނަން ޖެހޭ އެއްވެސް ސަބަބެއް ފެނި ވަޑައިނުގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަމުން ފުވާދު ވިދާޅުވީ ބެލިބެލުމުން އަލުން ގުނަން ޖެހޭނެ ސަބަބެއް އޮތް ކަމަށް ފެނިވަޑައިގެންފާ ނުވާ ކަމަށާއި އެހެންނަމަވެސް ގުނުމުގެ ތެރޭގައި ދެ ވޯޓު ކަރުދާސް ކޮޅެއްގެ މައްސަލަ އައިސްފައިވާ ވުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.

އެ ދެ ވޯޓު ކަރުދާސް ކޮޅާ ގުޅިގެން ޝަކުވާ އައިސްފައިވަނީ ވޯޓު ފޮށީގެ ވެރިމީހާ އެކަމާ ގުޅިގެން ނިންމި ނިންމުމާ ގުޅިގެން ހިތްހަމަ ނުޖެހިގެން ކަމަށާއި އެކަން ހިނގާފައިވާ ގޮތް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރީ، ޕީޕީއެމްގެ ފަރާތުން ފާތުމަތު ނާޒިމާ އައި އެމްއެންޕީގެ ފަރާތުން އާމިނަތު ޝީޒާ އެވެ. މި އިންތިހާބު ނާޒިމާއަށް 359 ވޯޓު ލިބިފައިވާ އިރު، ޝީޒާއަށް ލިބުނީ 358 ވޯޓެވެ. އަދި ވޯޓު އަލުން ގުނައިދިނުމަށް އެދި މައްސަލަ ހުށައެޅީ އެމްއެންޕީއިންނެވެ.

އެ މައްސަލައިގައި ވޯޓު އަލުން ނުގުނަން ނިންމާފައިވަނީ އިލެކްޝަންގެ ކޮމްޕްލެއިންސް ކޮމިޓީއިން މައްސަލަ ބެލުމަށްފަހުއެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ޝަރުތު ފުރިހަމަވެފައި ވަނީ 2،900 މީހުންނެވެ. ނަމަވެސް މި ވޯޓުގައި ބައިވެރިވެފައި ވަނީ 729 މީހުންނެވެ. އޭގެތެރެއިން 717 މީހުންގެ ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ބަލާފައި ވާއިރު، 12 ވޯޓަކީ ބާތިލް ވޯޓުގެ ގޮތުގައި ވަގުތީ ނަތީޖާއިން ދައްކައެވެ.

ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވައިފާ ވަނީ އެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ތަމްސީލު ކުރެއްވި، އަދި އެ ކޮމިޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވި އާމިނަތު އީމާން މިދިޔަ މާޗު މަހު ހިނގި އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.