ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ގެއިން މަސައްކަތް ކުރާ އުސޫލު ތަންފީޒު ކުރަން ފަށާފައި ވާއިރު، ދާއިމަށް އެ ނިޒާމު އިހުތިޔާރު ކުރާ މުވައްޒަފުންގެ މުސާރައިން ބައެއް އުނި ކުރުން ގޫގްލް ކުންފުނިން ވިސްނަމުން ދާ ކަމަށް ބައިނަލްއަގުވާމީ ރޮއިޓާޒްއިން ރިޕޯޓް ކޮށްފިއެވެ.

މި ފަދަ ފިޔަވަޅެއް ތަންފީޒު ކުރުމަކީ، ދުރު ހިސާބުތަކުން އޮފީހަށް ދަތުރު ކުރާ މުވައްޒަފުންނަށް އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ހަބަރު ލިބެއެވެ. ޓްވިޓާ އަދި ފޭސްބުކް ކުންފުނިންވެސް ވަނީ، އެކަހެރި ކޮށް، ގޭގައި މަސައްކަތް ކުރަން ނިންމާފައި ވާ މުވައްޒަފުންގެ މުސާރައިން އުނިކުރަން ފަށާފައެވެ.

ހެޔޮ އަގުގައި ދިރިއުޅެވޭ ސަރަހައްދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން، ދާއިމަށް ގޭގައި މަސައްކަތް ކުރަން ނިންމާ މުވައްޒަފުންގެ މުސާރައިން ބައެއް އުނި ކުރުމުގެ ނިޒާމަކީ، އެމެރިކާގައި ތަޖުރިބާ ކުރަމުން އަންނަ ނިޒާމެކެވެ.

ރޮއިޓާޒް އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ގޫގްލްގެ ސެންފްރާންސިސްކޯ ހަބް ދޫކޮށް، އެހެން ސަރަހައްދުތަކުގައި ތިބެގެން މަސައްކަތް ކުރަން ނިންމާ މުވައްޒަފުންގެ މުސާރައިން 25 ޕަސެންޓާ ހަމައަށް އުނިކުރުން އެކަށީގެންވެއެވެ.

ގޫގްލް ކުންފުނީގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާޒްއިން ބުނެފައި ވާ ގޮތުގައި، މުވައްޒަފުންނަށް އިނާޔަތްތައް ހަމަޖެއްސުމުގައި، އެމީހަކު ދިރިއުޅޭ ސިޓީއާއި ސްޓޭޓަށް ރިއާޔަތް ކުރެއެވެ.

ޕްރައިސްވޯޓާހައުސްކޫޕާޒް (ޕީޑަބްލިއުސީ) އިން ކުރިއަށް ގެންދިޔަ ސާވޭއެއްގެ ނަތިޖާއަށް ބަލާއިރު، ގޭގައި އެކަހެރިކޮށް މަސައްކަތް ކުރުމަކީ މިހާރު އެމެރިކާގައި މަގުބޫލު ވަމުން އަންނަ ނިޒާމެކެވެ. ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކަށްވެސް މިކަމުގައި ފައިދާތަކެއް ހުންނަ ކަމަށް ދައްކާއިރު، އޮފީހަށް ހާޒިރުވެގެން މަސައްކަތް ކުރަން ބޭނުންވަނީ، ސާވޭގައި ބައިވެރިވި އެގްޒެކެޓިވް ފެންވަރުގެ ކޮންމެ 5 މީހަކުން 1 މީހެކެވެ.