ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވާ ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން ނިކުމެވަޑައިގެން، ސަޕޯޓަރުންނާ "ސަލާން-ގަލާން" ކުރެއްވުމާއެކު، ގިނަ ބައެއްގެ ފާޑުކިއުންތައް، އަނެއްކާވެސް ޓްރަމްޕަށް އަމާޒުވާން ފަށައިފިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ޓްރަމްޕް ވަނީ އޭނާގެ ސަލާމަތީ ގާޑުންނާއެކު، އެސްޔޫވީއެއްގައި ހޮސްޕިޓަލުން ނިކުމެވަޑައިގެން، އެ ސަރަހައްދަށް ޖަމާވެފައިވާ އޭނާގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވާ ހައްދަވާފައެވެ. ކާރުކޮޅު ތެރޭގައި ޓްރަމްޕް އިންނެވީ މާސްކެއް ތުރު ކުރައްވައިގެން ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ސޯލް ލޮއޭބް

މިއީ ޓްރަމްޕްގެ ގާބިލިއްޔަތުން ދެއްކެވުމަށް ކުރެއްވި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އަނެއް ބަޔަކު ދަނީ، ޓްރަމްޕްގެ ސެކިއުރުޓީ ގާޑުންނާ މުވައްޒަފުންގެ ފުރާނަ، ނުރައްކަލަށް ހުށަހަޅުއްވާ ކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ. ކޮވިޑް-19އަކީ މާ ނުރައްކާ ބައްޔެއް ނޫންކަމަށް ދޭހަވާ ފަދަ މޭރުމަކުން އަމަލުތައް ބަހައްޓަވާ މަދު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޓްރަމްޕަށް، މި ބަލީގެ ސީރިއަސް ކަން އަދިވެސް ވިސްނިވަޑައި ނުގަންނަވަނީ ކަމަށްވެސް އަނެއް ބަޔަކު ބުނެއެވެ.

ކޮވިޑް-19އަކީ މާ ސީރިއަސް ބައްޔެއް ނޫންކަމަށް ވިދާޅުވެފައި ވަނިކޮށް މި ބައްޔަށް ޕޮޒިޓިވްވި ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯވެސް ވަނީ، ޕޮޒިޓިވްވެފައިވާ ހާލު، ސައިކަލު ބުރު ޖައްސަވާފައެވެ.

ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯ ސައިކަލް ދުއްވަވަނީ/ފޮޓޯ: އޭއެފްޕީ

ކޮވިޑް-19 ޖެހިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބަލާ 2 ގިންތިއަށް ފެތޭ، އުމުރުފުޅުން 74 އަހަރުގެ ޓްރަމްޕްގެ ޑޮކްޓަރުން ވަނީ، ޓްރަމްޕްގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އާދީއްތަ ދުވަހު، 2 ފަހަރެއްގެ މަތިން، ކަންބޮޑުވާންޖެހޭ މިންވަރަށް، ޓްރަމްޕްގެ ހަށިކޮޅުން އޮކްސިޖަން ލެވަލް ދަށްވި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، މިފަދަ ހާލެއްގައި ޓްރަމްޕް ކާރުކޮޅުގައި ބުރުޖެއްސުމަކީ، އަދިވެސް ގައުމުގެ ކޮމާންޑަރުކަމުގެ ކަމުގެ މަގާމުގައިވާ ތަސްވީރަކީ އެއީކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށް ކުރެއްވި ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ.

ވޯލްޓާ ރީޑްގެ ފިޒީޝަންއެއް ކަމަށްވާ ޑރ ޖޭމްސް ފިލިޕްސްވެސް ވަނީ ޓްރަމްޕްގެ މި އަމަލުފުޅާ ގުޅިގެން ނުރުހުން ފާޅުކުރައްވާ، ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން، އެއްވެސް ބޭނުމެއް ނެތް ގޮތުގައި ކާރުކޮޅުގައި ޓްރަމްޕް މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން ސީކްރެޓް ސާވިސް އޭޖެންޓުންގެ ފުރާނަ، ނުރައްކަލަށް ހުށަހެޅިފައިވާކަމަށާ، މިއިން ކޮންމެ މުވައްޒަފަކުވެސް މިހާރު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ޑރ ފިލިޕްސް ވިދާޅުވިއެވެ. ސިޔާސީ "ޑްރާމާ" އެއްގެ ޝިކާރައަކަށްވެ، އެ މުވައްޒަފުންގެ ފުރާނަ ގެއްލިދިއުމުގެ ބިރު އެބައޮތްކަންވެސް ޓްރަމްޕް ފަރުވާ ހޯއްދަވަމުން ގެންދަވާ ވޯލްޓާ ރީޑް ހޮސްޕިޓަލުގެ ފިޒީޝަން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކާރު ބުރު ޖައްސަވަނީ/ފޮޓޯ: ބަޒްފީޑު

ޓްރަމްޕް ދަތުރުފުޅު ކުރެއްވި އެސްޔޫވީއަކީ ހަމައެކަނި ވަޒަން ނާރާ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދެއް ނޫން ކަމަށާ، އެއީ ކެމިކަލް ހަމަލާއަކުންވެސް ދިފާއު ކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެއް ކަމުން، އެ އުޅަނދުގެ ތެރޭގައި ކޮވިޑް-19 ފެތުރިގެން ދިއުމުގެ ފުރުސަތު، މެޑިކަލް ޕްރޮސީޖާއެއް ހިނގާ ތިއޭޓަރެކޭ އެއްވަރު ވާނެ ކަމަށް ޑރ ފިލިޕްސް ވަނީ ފާހަގަކުރައްވާފައެވެ.

ސިއްހީ ތަޖުރިބާކާރުންގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު، ވައިޓްހައުސް އިން ދަނީ ދިފާއަށް ކުޅެމުންނެވެ. އެގޮތުން، މި ހަރަކާތަކީ މެޑިކަލް ޓީމުގެ އިޒުނައާއިއެކު ކުރި ކަމެއް ކަމަށާ، މިކަން ކޮށްފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށްވެސް ވައިޓްހައުސްއިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މާސްކު ތުކުރުކުރައްވައިގެން އަސްކަރީ ހެލިކޮޕްޓަރުން ހޮސްޕިޓަލަށް ފައިބާވަޑައިގަންނަވަނީ/ފޮޓޯ: ގެޓީއިމޭޖަޒް

މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު، ޓްރަމްޕާއެކު އެސްޔޫވީގައި އިން ސީކްރެޓް ސާވިސް އޭޖެންޓް އިންނަނީ ކާރުގެ ކުރީގައެވެ. އަދި އޭނާ އިންނަނީ މެޑިކަލް ގައުންއެއްލާ، ރެސްޕިރޭޓާ މާސްކާއި، ފޭސްޝީލްޑްވެސް އަޅައިގެންނެވެ.

ކަންބޮޑުވާ ދަރަޖައަށް ދެ ފަހަރެއްގެ މަތިން ޓްރަމްޕްގެ ހަށިކޮޅުން އޮކްސިޖަލް ލެވަލް ދަށްވި ނަމަވެސް، މިއަދުގެ ވަގުތެއްގައި ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ޓްރަމްޕްގެ ޑޮކްޓަރު، ނޭވީ ކޮމާންޑަރު ޑރ ޝޯން ކޮންލޭ ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅަކީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް، ކެމްޕޭން ފޯރި އެންމެ ގަދަވާ ދުވަސްކޮޅެވެ.