އެމެރިކާއާއި އިޒަްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އިޒަްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރަން ވައިޓްހައުސްއަށް ގޮސްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިޓް ހައުސްގައި އަންގާރަ ދުވަހު އޮންނަ މި ބައްދަލުވުމަކީ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ހަމަލާދޭން ފެށި ފަހުން ޓްރަމްޕާއި ނަތަންޔާހޫ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދަތުރުގައި، މި މަހުގެ 11 ވަނަ ދުވަހު މަރުވި، އިޒްރޭލުގެ ހާއްސަ ސަޕޯޓަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރެހަމްގެ ޖަނާޒާގައި ނަތަންޔާހޫ ބައިވެރިވާވާނެއެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން ވައިޓް ހައުސްގެ އޮފިޝަލަކު ބުނި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އީރާނުގެ ހަނގުރާމައާއި، ލުބުނާނަށް އިޒަްރޭލުން ދެމުންދާ ހަމަލާތަކުގެ އިތުރުން އަބްރަހަމް އެކޯޑްސްއާ ގުޅޭގޮތުންނެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ފެއްޓެވި އަބްރަހަމް އެކޯޑްސްގައި މިހާތަނަށް ސޮއިކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ)، ބަހްރައިން، މޮރޮކޯ، ސޫދާން އަދި ކަޒަކްސްތާނުންނެވެ.
ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު ބައެއް މައްސަލަތަކުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެގޮތުން، ލުބުނާނަށް ހަމަލާދިނުން ހުއްޓާލައި، އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ނަތަންޔާހޫ ހުރަސްއަޅާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، ގޮތް ނިންމަވާނީ އޭނާ ކަމަށާއި ނަތަންޔާހޫއަށް އެކަމުގައި އިހުތިޔާރެއް ނޯންނާނެ ކަމަށެވެ.
ލުބުނާނުން ފޭބުމަށް އިޒަްރޭލުން ދެކޮޅުހަދަމުންދާއިރު، އެކްސިއޯސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ޖޫން މަހު ޓްރަމްޕް ވަނީ އެކަމާ ގުޅިގެން ނަތަންޔާހޫއަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް އިޒްރޭލަށް ފާޑުވިދާޅުވާތީ ނަތަންޔާހޫވަނީ އެމެރިކާއަށް ފާޑުކިޔާފައެވެ. އެގޮތުން ތުރުކީއަށް އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވިއްކުމަށް އެމެރިކާއިން ނިންމާފައިވާ ނިންމުމާ މެދުވެސް ނަތަންޔާހޫ ވަނީ ކަންބޮޑުވުން ފާޅުކުރިއެވެ. ފޮކްސް އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައި ވަނީ، އެ ބޯޓުތައް ތުރުކީއަށް ދީފިނަމަ މެދުއިރުމަތީގެ ބާރުގެ ތިލަފަތަށް ބަދަލު އަންނާނެ ކަމަށެވެ. މިވާހަކަތަކާއެކު އޭވާ ވަނީ، އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ބޮންބާ ނުވަތަ ބޮން އަޅާ ބޯޓުތަކުން އިޒްރޭލުގެ ވައިގެ ސަރަހައްދާއި ވައިގެ ބަނދަރުތައް ބޭނުން ކުރުމުގެ ހުއްދަ ދީފައި ވާކަމަށް ވެސް ބުނެފައެވެ.
ނަތަންޔާހޫގެ މި ދަތުރާ ދިމާކޮށް، ހުޅަނގު އައްސޭރީގައި އިޒަްރޭލުގެ ވަޒަންވެރިން ހިންގަމުންދާ ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. މިދިޔަ ހަފުތާބަންދުގައި ތާލްގައި ހިނގި ބަޑީގެ ހަމަލާބަދަލުކުރުންތަކެއްގައި އިޒަްރޭލުގެ ދެ މީހަކާއި ފަލަސްތީނުގެ ހަތަރު މީހަކު ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން އިޒަްރޭލުގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކުގެ ކުރީގެ 550 އަށްވުރެ ގިނަ އޮފިޝަލުން ހިމެނޭ "ކޮމާންޑާސް ފޯ އިޒަްރޭލްސް ސެކިއުރިޓީ" (ސީއައިއެސް) އިން ޓްރަމްޕަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ހުޅަނގު އައްސޭރީގެ ހަމަނުޖެހުންތައް ހުއްޓުވައި، ސަރަހައްދީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދެއްވޭނީ ހަމައެކަނި ޓްރަމްޕަށް ކަމަށެވެ.
މި ދަތުރާ ގުޅޭގޮތުން މިޝިގަންއަށް ވަޑައިގަންނަވަމުން އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެހީތެރިކަމާ ނުލައި އިޒަްރޭލަށް އޮތުމެއް ނެތް ކަމަށެވެ. އަދި އޭނާ އެކަމުގެ ތެރެއަށް ވެދެވަޑައިނުގެންނެވި ނަމަ، މީގެ މަސްތަކެއް ކުރިން އިޒަްރޭލު ނެތިދިޔައީސް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ރޮއިޓާސްއާ ވާހަކަދެއްކި މަސްދަރުތަކުން ބުނާ ގޮތުގައި، އޮކްޓޯބަރު 27 ގައި އޮންނަ އިޒަްރޭލުގެ އިންތިހާބަށް ޓްރަމްޕްގެ ތާއީދު ހޯދުމަށް ނަތަންޔާހޫ މި ބައްދަލުވުމުގައި މަސައްކަތްކުރާނެއެވެ.
