މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ހާލަކު "މެނޭޖު"ކޮށް، ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީން ކަން، މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން، އެ ގައުމުގައި ކަންބޮޑުވެފައިވާ ރައްޔިތުންނަށް ދެއްވައިފިއެވެ.

މިފަހަކަށް އައިސް މެލޭޝިއާއިން ކޮވިޑް-19 ފެންނަ މިންވަރު އިތުރުވާން ފެށުމާއެކު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މިދަނޑިވަޅުގައި ބޮޑުވަޒީރު ވަނީ، ވައިރަސް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ފަހުން ފާހަގަވާން ފެށި ކްލަސްޓާތަކާ ގުޅުންހުރި ސަރަހައްދުތައް ދެނެގަނެވިފައި ވާ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން މެލޭޝިއާ ލޮކްޑައުން ހާލަތުގައި/ފޮޓޯ: ނިއްކޭއި އޭޝަން ރިވިއު

އިތުރު ތަފްސީލު ހާމަކުރައްވަމުން މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ، ފަހުން ފެންނަން ފެށި ޕޮޒިޓިވް ކޭސްތަކުގައި ހިމެނެނީ ގައިދީންނާއި ޖަލު މުވައްޒަފުން ކަމަށާ، މި ކޭސްތަކަކީ، ވަކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ތަންފީޒު ކުރަމުންދިޔަ މޫވްމަންޓް ކޮންޓްރޯލް އޯޑަރު (އެމްސީއޯ) ތަންފީޒު ކުރަމުންދިޔަ ސަރަހައްދުތަކަށް ނިސްބަތްވާ ކޭސްތަކެއް ކަމަށެވެ. މި ފަދަ ހުރިހާ ސަރަހައްދެއް މޮނިޓާ ކުރަމުންދާކަމަށާ، ކޮންޓެކްޓް ޓްރޭސިންގްވެސް ކުރިއަށް ދާކަން ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ބިޔަ ރާޅަކަށް މެލޭޝިއާއިންވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން ކޮވިޑް-19އަށް ހާއްސަ 40 ހޮސްޕިޓަލެއް ހުރިއިރު، ލޯ-ރިސްކު ކެޓަގަރީގެ ކަރަންޓީނަށް 34 މަރުކަޒެއް ވަނީ ފާހަގަކޮށްފައެވެ. ކޮވިޑް-19އަށް ހާއްސަކޮށްފައިވާ 5674 ހޮސްޕިޓަލު އެނދާއި، 437 އައިސީޔޫ އެނދު އެބަހުއްޓެވެ. މިވަގުތު ބޭނުން ކުރަމުންދަނީ ހޮސްޕިޓަލު އެނދުތަކުގެ 24 ޕަސެންޓެވެ. ވެންޓިލޭޓަރަށް ބަލާއިރު، 1505 ވެންޓިލޭޓަރެއް މިކަމަށް ހާއްސަކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މެލޭޝިއާގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި ޕީޕީއީ ތައްޔާރުކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރުން ހަރަކާތްތެރިވަނީ/ފޮޓޯ: ވިންސެންޓް ތިއާން

މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 12088 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 137 އަށް އަރާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.