ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައި ވާ ކަން ހުކުރު ދުވަހުގެ ވަގުތެއްގައި އިއުލާން ކުރެއްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ތަހުލީލީ މަރުހަލާގައިވާ ފަރުވާއެއް ދޭން ފަށައިފިއެވެ.

ވައިޓްހައުސްއިން ބުނީ ވޯލްޓާ ރީޑް ނޭޝަނަލް މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ޓްރަމްޕަށް ފަރުވާ ދިނުމަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ޓްރަމްޕްގެ ދެކަނބަލުންވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފާއި ވާއިރު، ފާއިތުވީ 24 ގަޑިއެއްހާއިރު ޓްރަމްޕްގެ ހަށިކޮޅުން ހުމުގެ އަސަރު ފެނުނު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ވަރުބަލިކަން އިހުސާސް ކުރެއްވުނު ކަމަށާ، ނަމަވެސް އާންމު ގޮތެއްގައި ހުންނެވީ ހެޔޮ ހާލެއްގައި ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ސޯލް ލޮއޭބް

ޕޮޒިޓިވްވިކަން ހާމަ ކުރެއްވި ޓްވީތަށް ފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޓްވީޓްގައި ޓްރަމްޕް ވަނީ، އެމެރިކާގެ ފަސްޓް ލޭޑީ، މްލޭނިއާ ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ، އެހީތެރިކަން ފޯރުކޮށްދެމުންދާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ވައިޓްހައުސްގެ ގޯތި ތެރެއިން، ވޯލްޓާ ރީޑް ނޭޝަނަލް މެޑިކަލް ސެންޓަރަށް ޓްރަމްޕް ގެންދެވުނީ އަސްކަރީ ހެލިކޮޕްޓަރު މެރިން ވަންގައެވެ. ވޯލްޓާ ރީޑް ނޭޝަނަލް މެޑިކަލް ސެންޓަރުގައި ޓްރަމްޕަށް ފަރުވާ ދެމުންދަނީ ޕްރެޒިޑެންޝަލް ސުއީޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) އަދި ނައިބު ރައީސް މައިކް ޕެންސް، ވައިޓްހައުސްގެ ރޯސް ގާޑަންގައި/ފޮޓޯ: ގެޓީ އިމޭޖަޒް

ވައިޓްހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ އެލީސާ ފަރާ ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުތައް އަދި ނައިބު ރައީސް ޕެންސާއި ހަވާލު ކުރައްވާފައި ނުވާކަމަށާ، އަދިވެސް އެންމެ މަގާމުގައި ހުންނެވި ޓްރަމްޕް ކަމަށެވެ. ނަމަވެސް ދޮށީ އުމުރުގެ މީހުންނާއެކު ހުކުރު ދުވަހު އޮތް ވީޑިއޯ ކޮންފަރެންސްގެ ރިޔާސަތު، ޓްރަމްޕް ދޫކޮށްލެއްވީ ޕެންސަށްކަން ފާހަގަކުރަންޖެހެއެވެ.

ޓްރަމްޕަށް ދެނީ ކޮން ފަރުވާއެއް؟

ޓްރަމްޕްގެ ހާއްސަ ޑޮކްޓަރު، ޑރ ޝޯން ކޮންލޭ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރިޖީނެރޮންގެ ޕޮލީކްލޯނަލް އެންޓިބޮޑީ ކޮކްޓެއިލްގެ 8 ގުރާމްގެ ޑޯޒްއެއް، ވައިޓްހައުސްގައި ޓްރަމްޕަށް ދީފައި ވާ ކަމަށެވެ.

މި ފަރުވާއަކީ، ހަށިގަނޑުގައި ވައިރަސް އެކުލެވޭ މިންވަރު ދަށް ކޮށްދީ، ބަލި ފަސޭހަ ވުމުގެ މަރުހަލާ ހަލުވި ކޮށްދޭ ފަރުވާއެއް ކަމަށް ބުނެވެއެވެ. މީގެ އިތުރުން، ޒިންކާއި، ވިޓަމިން-ޑީ، ފެމޮޓިޑައިން، މެލަޓޮނިން އަދި އެސްޕްރިންވެސް ޓްރަމްޕު ބޭނުން ކުރައްވާ ކަމަށް ޑރ ކޮންލޭ ވަނީ ހާމަކުރައްވާފައެވެ.

ޑިމޮކްރަޓުން ބުނަނީ ކީކޭ؟

މި ދަނޑިވަޅަކީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ އިންތިހާއަށް އެމެރިކާގައި އެންމެ ހަލުވިކަމާއެކު ކެމްޕޭންތައް ކުރިއަށްދާ ދަނޑިވަޅެވެ.

އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން/ފޮޓޯ: ގެޓީއިމޭޖަޒް

ކުރިއަށް އޮތް އިންތިހާބުގައި ޓްރަމްޕާއި ޕެންސްގެ ޓީމާ ދެކޮޅަށް ނިކުންނަވާ އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއާއި އަނބިކަނބަލުންވެސް ވަނީ، ޓްރަމްޕް ޕޮޒިޓިވްވުމާ ގުޅިގެން ކޮވިޑް-19އަށް ޓެސްޓު ކުރައްވާފައެވެ. ބައިޑަންގެ ދެކަނބަލުންގެ ނަތީޖާ ނެގެޓިވް ކަމަށް ޚަބަރު ލިބެއެވެ.

ކަން މިހެން އޮތްއިރު، ބައިޑަންގެ ކެމްޕޭނުން ދަނީ، ޓްރަމްޕް ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕަށް އަމާޒުކޮށް، ޑިމޮކްރަޓުންގެ ފަރާތުން ފަތުރަމުންދާ ނޭދެވޭ ޕޯސްޓުތަކާ އިސްތިހާރުތައް ނަގަމުންކަން ފާހަގަކުރަންޖެހެއެވެ.

އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން/ފޮޓޯ: ޖިމް ވޮޓްސަން

ޑިމޮކްރަޓުންގެ އިންތިހާބީ ހަރަކާތްތަކުގެ ބޮޑު ބައެއްހެން ބަރޯސާވެފައިވަނީ އޮންނަލައިން، ވާޗުއަލް ޕްލެޓްފޯމަށެވެ. މި ގޮތުން ކުރިއަށް ގެންދިޔަ ވާޗުއަލް ކެމްޕޭން އިވެންޓެއްގައި ބައިޑަންއާއި ކުރީގެ ރައީސް އޮބާމާވެސް ވަނީ، އުމުރުފުޅުން 74 އަހަރުގެ ޓްރަމްޕްގެ ދެކަނބަލުންނަށް ހެޔޮ ދުއާތައް ފޮނުއްވާފައެވެ.

ޓްރަމްޕަށް ކޮވިޑް-19 ޖެހުނީ ކިހިނެއް؟

ޓްރަމްޕަށް ކޮވިޑް-19 ޖެހުނީ ކަނޑައެޅިގެން ކިހިނެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްގެ ދެކަނބަލުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ، ޓްރަމްޕްގެ އެންމެ އަރިސް މުޝީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހޯޕް ހިކްސް، މި ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނުވެވަޑައިގެން ތިއްބަވަނިކޮށެވެ.

ހޯޕްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަން އެނގިހުރެމެ، ކެމްޕޭން އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ދިންކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ނުރުހުންފާޅު ކުރަމުންނެވެ.

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯޒް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: އެލެކްސް ބްރޭންޑަން

ކަންމިހެން އޮތް އިރު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޓްރަމްޕާ ބައްދަލުވެވަޑައިގެންނެވި ރިޕަބްލިކަން ނޭޝަނަލް ކޮމިޓީގެ ޗެއާވުމަން ރޮނާ މެކްޑެނިއަލްވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ ކަމެވެ. މީގެ އިތުރުން، މި ފަހުން ޓްރަމްޕާ ދާދި ގާތުގައި އުޅުއްވި 2 ސެނެޓަރުން ކަމަށްވާ މައިކް ލީއާއި ޓޮމް ޓީލިސްވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މި 2 ސެނެޓަރުންނަކީވެސް އެމެރިކާގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އާ ބޭފުޅަކު ނޮމިނޭޓް ކުރެއްވުމަށް މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ކުރިއަށް ގެންދެވި އިވެންޓްގައި ބައިވެރިވެވަޑައިގެންނެވި 2 ބޭފުޅުންނެވެ. މި 2 ސެނެޓަރުންވެސް ކޮވިޑް-19އަށް ޕޮޒިޓިވިކަން އިއުލާން ކުރެއްވީ ހުކުރު ދުވަހުއެވެ.