އުމުރުން 60 އަހަރުގެ މިލީންދު ކިތުކާރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށްފަހު، ޝިފާ ލިބި، ބަލުން ރަނގަޅުވެގެން އެނބުރި ގެއަށް ދިޔައީ ހޮސްޕިޓަލުގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަކުރުމަށް ފަހުގައެވެ.

ކިތުކާރު ދިރިއުޅެމުންދިޔައީ ފުލެޓެއްގެ 3 ވަނަ ބުރީގައެވެ. އެހާ ހިސާބަށް އަރާނެ ވަރުވެސް އޭނާގެ ހަށިގަނޑުގައި ނެތުމުން، އެޕާޓްމަންޓަށް އޭނާ ގެންދިޔައީ އުރާލައިގެން ކަހަލަ ގޮތަކަށެވެ. ހޮސްޕިޓަލުން ގެއަށް ދެވެމުން އަދި ލުޔެއް ނެތެވެ. ޖެހިގެން ދުވަސްތައްވީ ވޭން ހުރި ދުވަސްތަކަކަށެވެ. ނޭވާލާން ދަތިވުމާ، ހަށިގަނޑުން ވަރު ދޫވުން ފަދަ އެތައް ކަމަކާ އޭނާއަށް ކުރިމަތިލާން ޖެހުނެވެ. ލިޔެއް ލިބޭ ގޮތް ނުވުމުން، މުމްބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިން ޑރ ލޭންސްލޮޓް ޕިންޓޯއަށް ގުޅިއެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހި ރަނގަޅުވުމަށްފަހު އިތުރު ސިއްހީ މައްސަލަތަކަކާ ކުރިމަތިލާންޖެހުނު މިލީންދު ކިތުކާރު/ފޮޓޯ: ބީބީސީ

ޑރ ޕިންޓޯއަށް ކުރި ފޯނުކޯލުން ކިތުކާރަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ކޮވިޑް-19 ސަބަބުން ފުއްޕާމެއަށް މައްސަލަތަކެއް ކުރިމަތިވެ، ޑީޕް ވެއިން ތްރޮމްބޯސިސްގެ ޝިކާރައަކަށް އޭނާވިކަން އެނގުނެވެ. މިއީ ލޭގަނޑުކޮށްލާ ބައްޔެކެވެ. މިމައްސަލަ އާންމުކޮށް ކުރިމަތިވަނީ ފަޔަށެވެ. މި ގޮތަށް ގަނޑުވާ ލޭކޮޅުތައް މުގުރި، ހަށިގަނޑުގެ އެކި ހިސާބުތަކަށް ދަތުރުކުރެއެވެ. ފުއްޕާމެއަށްވެސް ދަތުރުކުރުމުގެ ފުރުސަތު އޮވެއެވެ. ފުއްޕާމެއަށް ދަތުރު ކުރުމުން ލޭ ހޮޅިތައް ބެދެއެވެ. ދުރާލާ ދެނެގަނެ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ކަމުގެ އިންޒާރު ޑރ ޕިންޓޯ ދެއްވިއެވެ.

ޖެހިގެން އައި މަހެއްހާ ދުވަސްވެސް ކިތުކާރު ހޭދަކުރީ އޭނާގެ އެޕާޓްމަންޓް ތެރޭގައެވެ. ޑޮކްޓަރުން ދީފައިވާ ބޭސްތައް ކެއުމުގައެވެ. އޭނާ އަދިވެސް ދަނީ އެކަމަށް ފަރުވާ ހޯދަމުންނެވެ.

އިންޑިއާގެ ފަރީދުއާބާދުގައި ސިރިންޖު ބަންދުކުރާ ކާރުހާނާއެއްގައި މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ސަޖަދު ހަސަން

މިއީ ކަތުކާރުގެ އެކަނި ހާލެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް މިކަން އެބަ އޮތެވެ. ކޮވިޑް-19އާއެކު ކުރިމަތިލާންޖެހޭ އިތުރު ސިއްހީ ތަކުލީފުތައް ހުރިހާ ގައުމެއްގައި ހެން އެބައޮތެވެ. ތްރޮމްބޯސިސްގެ މައްސަލަ އާންމުކޮށް މެދުވެރިވަނީ، ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވާ ޕޭޝަންޓުންގެ 30 ޕަސެންޓް މީހުންނަށެވެ. މިކަންކަމަށް ދީފައިވާ ނަމަކީ "ލޯން ކޮވިޑް" ނުވަތަ ދިގުމުއްދަތުގެ ކޮވިޑް" އެވެ.

ކޮވިޑް-19ގެ ފަހުން ކުރަން ޖެހޭ ފަރުވާއަކީވެސް އިންތިހާއަށް މުހިންމު ފަރުވާއެކެވެ. ނަމަވެސް ކޭސް ނަމްބަރުތައް ރެކޯޑް އަދަދެއްގައި އޮތުމުން، މިކަމަށް ހާއްސަ ސަމާލުކަމެއް ނުދެވި އޮތީ ކަމަށް ވެދާނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަވަށްޓެރި އިންޑިއާގައި މަރުވި މީހެއްގެ ހަށިގަނޑު، ވެރިރަށް ނިއުދިއްލީގެ ސަހަރާއެއްގައި ވަޅުލަނީ/ފޮޓޯ: މަނީޝް ރާޖްޕުތް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ޝިފާ ލިބި ރަނގަޅުވާ މީހުންނަށް ދޭން ޖެހޭ އަޅާލުމާ ފަރުވާއަށް، އަވަށްޓެރި އިންޑިއާއިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރެކޯޑް އަދަދެއްގެ ބަޔަކަށް ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވަމުން އަންނަ މީހުންގެ އަދަދު އިތުރުވާއިރު، މިކަމަށް ދޭންޖެހޭ އަހައްމިއްޔަތު ކަން ވެސް ބޮޑުވެއެވެ.

ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ދާދި ފަހުން އާންމު ކުރި ދިރާސާއެއް ބުނާ ގޮތުގައި ކޮވިޑް-19ގެ އަސަރަކީ ބަލިން ރަނގަޅުވުމަށް ފަހުވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދާ އަސަރުތަކެކެވެ. މީގެ ކުރިން ސިއްހީ ގޮތުން ބޮޑު ބައްޔެއްގެ އަލާމާތްތައް ނެތް ޒުވާނުންނަށްވެސް، މި ތަކުލީފުތައް ކުރިމަތިވާކަމަށް ހޯދުންތަކުން ވަނީ ދައްކާފައެވެ.

އަވަށްޓެރި އިންޑިއާގައި މީހެއްގެ ހަށިގަނޑުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: ރާޖް ކޭ ރާޖް

ފާއިތުވީ ދޮޅު މަހެއްހާ ދުވަހަށް ބަލާއިރު ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސް ރެކޯޑް ކުރި ގައުމަކީ އިންޑިއާ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ނަމަވެސް، އިންޑިއާގައި ކޮވިޑް-19އިން ރަނގަޅުވާ ފަރާތްތަކަށް ހާއްސަކޮށްފައިވަނީ މަދު މަރުކަޒުތަކެކެވެ.

އެމެރިކާގެ އިންޑިއާނާ ޔުނިވާސިޓީގެ ރިސާޗް ޕްރޮފެސާ ޑރ ނެޓާލީ ލެމްބާޓްއަކީ ޕޯސްޓް ކޮވިޑް-19ގެ ފަރުވާއަށް އެންމެ ހަރުއަޑުން ވަކާލާތު ކުރައްވާ އެކަކެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވާ ދިގުމުއްދަތުގެ ތަކުލީފުތަކާ ބެހޭ ކަށަވަރު ވާހަކަތަކެއް ދައްކަން އަދި މާ އަވަހެވެ.