ތ. ގުރައިދޫއާއި ނ. ކެނދިކުޅުދޫއަށް އަރައިފޭބުން މަނާކޮށް ދެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގުރައިދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް - 19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށާ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމެންދެން ރަށް މޮނިޓަރިންގައި އޮންނާނެ ކަމަށެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ ވަގުތު އެޗްޕީއޭގެ ހުއްދަނެތި ރަށަށް އަރާ ފޭބުން މަނާވާނެއެވެ.

ކެނދިކުޅުދޫ އަށް އަރައިފޭބުން މަނާކޮށްފައިވަނީ އެރަށުގެ މަސްދޯންޏަކުން 2 ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާ އިތުރު 3 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ދެރަށުގައިވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފާ ވާ ކަމަށެވެ.

މި ދެރަށް މޮނިޓަރިން އަށްލުމާއެކު އަތޮޅުތެރެއިން ޖުމުލަ 48 ރަށް މިހާރު ވަނީ މޮނިޓަރިންގައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއިން ބަލިފެންނަ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ 24 ގަޑިއިރުތެރޭގައިވެސް އަތޮޅުތެރެއިން 1201 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.