ކޮވިޑް 19 އިން ރައްކާތެރިވުމަށް ލ. ގަމައި އދ. މާމިގިލީގައި ހާއްސަ ފިޔަވަޅުތަކެއް އަޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން އަންގައިފައިވަނީ 10 މޭ 2021 ވަނަ ދުވަހުން ފެށިގެން އެ އިދާރާއިން ވަކިގޮތެއް އަންގަންދެން ގަމާއި މާމިގިލީގައި ރޭގަނޑު 9 އިން ފަތިހު 4 އަށްް އެއްގަމު އުޅަނދުފަހަރު ދުއްވުމާ، މަގުމައްޗަށާ އާންމު ތަންތަނަށް މީހުން ނިކުތުން މަނާކުރާ ކަމަށާއި ޕާޓިތަކަ ހަފްލާތައް އަދި ރަސްމިއްޔާތު ބޭއްވުން ހުއްޓާލުމަށެވެ. އަދި އެއްގެއިން އަނެއްގަޔަށް ޒިޔާރަތް ކުރުމާ، އެއްފަހަރަ 03 މީހުންނަށްވުރެ ގިނަ މީހުން އާންމު ތަންތަނަށް އެއްވުން ހުއްޓާލުމާ ކުޅިވަރު ހަރަކާތްތަކާ ކަސްރަތު ހަރަކާތްތަކާ ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ގަމާއި މާމިގިލީގައި ހިންގާ ރެސްޓޯރެންޓް ތަކާއި ހޮޓާ އަދި ކެފޭތަކާ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އެތަނުންދޭ ހިދުމަތް ހުއްޓާލުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ގަމުގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ގަމާއި މާމިގިލީގެ އިތުރުން އިތުރު 5 ރަށެއްގައިވެސް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ އަންްގާފައެވެ. މިވަގުތުވެސް އަތޮޅުތެރޭގައި 30 ރަށެއް ވަނީ ކޮވިޑްގެ ސަބަބުން މޮނިޓަރިންއަށް ލާފައެވެ.

އިއްޔެވެސް ރާއްޖެއިން 1091 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި އަދަދުތަކަކީ ސާމްޕަލް ނަގާ ނަތީޖާ ސާފު ނުކުރެވި ހުރި އަދަދުތަކުގެ ތެރެއިން އައިސްފައިވާ އަދަދެއް ކަމަށެވެ.

ރާއްޖޭގައި ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 09 އިން ފަތިހު 04 އަކަށް ކާފިއު ހިންގުމާ، ސިއްހީ ހިދުމަތް ހޯދުމަށާއި ޒަރޫރީ ބޭނުންތަކުގައި ފިޔަވާ އެހެން ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާ، ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ރާއްޖޭގައި މިހާރު ކޭސްތައް އިތުރުވަމުން އަންނީ އާ ވޭރިއަންޓްގެ ސަބަބުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.