މިއަދު 1،433 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ބަލި ޖެހުނު 1،433 މީހުންގެ ތެރެއިން 1،294 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 134 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. އަދި ރިސޯޓްތަކުން 5 މީހަކު ވަނީ ޕޮޒިޓިވް ވެފައި ވެއެވެ.

މިދިޔަ 24 ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރޭގައި 4،480 ސާމްޕަލް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއެކު މިއަދު ރާއްޖޭގެ ޖުމްލަ ވަނީ 45،956 އަށް އަރާފައެވެ. ކޮވިޑުގައި 101 މީހަކު ވަނީ މަރުވެފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 16،997 އަށް އަރާފައެވެ.

ކޮވިޑް ކޭސްތައް އިތުރުވެ ރާއްޖޭގައި ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.

އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.