ދިވެހިރާއްޖޭގައި ކޮވިޑް ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އެޗްޕީއޭއިން މިއަދު އަންގާފައި ވަނީ ގދ. ތިނަދޫ އާއި ފ. ނިލަންދޫ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަށް ސިޓީގައި ކޮވިޑާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން ތިނަދޫ އާއި ނިލަންދޫގައި ރޭގަނޑު 09 އިން ފެށިގެން ފަތިހު 4 އަށް އެއްގަމު އުޅަނދު ދުއްވުމާ، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމާ، އައްޑޫ ސިޓީ އަދި ފުވަށްމުލަށް ސިޓީގައި އިރުއޮއްސޭ 6 އިން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި އަދި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

މި 4 ރަށުގައިވެސް ޕާޓީތަކާއި ހަފްލާތަކާ އަދި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމާ، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާންގައި އެއްވެ އުޅުން ހުއްޓާލުމާ، ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާ، ކަސްރަތު ހަރަކާތްތައް ހުއްޓުމަށްވެސް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައި ވަނީ މި 4 ރަށުގައިވެސް ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ދެމުންގެންދާ ހިދުމަތް ހުއްޓާލުމަށާ އެހެން ނަމަވެސް ޓޭކްއަވޭ އާއި ޑެލިވެރީގެ ހިދުމަތްތައް މި ތަންތަނުން ދެވޭނެ ކަމަށެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުންވެސް މެދުކަނޑާލުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށާ އެންމެހާ އިދާރާތަކާއި ފަރާތްތަކަށް އަންގާފައެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 1572 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.