މި އަހަރަކީ އދއަށް އެއް ގޮތަށްވުރެ ގިނަ ގޮތުން ހާއްސަ އަހަރެކެވެ. މިއީ ދުނިޔޭގެ ސުލްހައާއި ލާބައަށް މަސައްކަތް ކުރުމަށް އދ އުފެއްދިތާ 75 އަހަރު ފުރޭ އަހަރެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން މިއަހަރަށް ބޮޑެތި ތައްޔާރީތަކެއް ވި އަހަރެކެވެ. ނަމަވެސް، ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖެހި، އދގެ 75 ވަނަ އާންމުޖަލްސާގެ އެންމެ މުހިންމު އެޖެންޑާ އައިޓަމްގެ ގޮތުގައި އޮތް އިސްވެރިންގެ ބައްދަލުވުން މިވަނީ ވާޗުއަލް ޕްލެޓްފޯމަށް ބަދަލު ކޮށްފައެވެ.

ގައުމުތަކުގެ ލީޑަރުން އެ ގައުމެއްގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކުރައްވާ ތަގުރީރު ކުރައްވަމުން މުޅި ދުނިޔެއަށް ވަރުގަދަ މެސެޖުތަކެއް ވަނީ ދެއްވާފައެވެ.

ޑޮނާލްޑް ޓްރަމްޕް

އާންމު އުސޫލުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހަމަލާ އަމާޒު ކުރެއްވީ ޗައިނާއަށެވެ. ކޮވިޑް-19އަކީ "ޗައިނާ ވައިރަހުގެ" ގޮތުގައި ސިފަކުރެއްވިއެވެ. އަދި ވައިރަހުގެ މައްސަލާގައި ޗައިނާ ޖަވާބުދާރީކުރުވުމަށް އދއަށް ގޮވާލެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އދގެ އާންމު ޖަލްސާ ކުރާ މާލަމުގައި ތަގުރީރު ކުރައްވަނީ/ފައިލް ފޮޓޯ: ދަ ޑެއިލީ ބީސްޓް

ކޮވިޑް-19ގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް އަރާފައި ވީ ނަމަވެސް، އޭނާގެ ސަރުކާރުން ބަލިމަޑުކަމަށް ދިނީ އެދެވޭ އިޖާބައެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި މުޅި ދުނިޔެއަށް ބަލިމަޑުކަމެއް ދޫކޮށްލި ގައުމަކީ ޗައިނާ ކަމަށް ވިދާޅުވެ، ޗައިނާއަށް ވަރުގަދަ ހަމަލާއެއް ދެއްވިއެވެ.

ޝީ ޖީންޕިންގް

ޗައިނާގެ ރައީސް، ޝީ ޖީންޕިންގްގެ ތަގުރީރު ބައްޓަން ކުރެއްވީ މަޑުމައިތިރި ރޫހެއްގައެވެ. ޝީ ގޮވާލެއްވީ ބައިނަލްއަގުވާމީ އެއްބައިވަންތަކަމަށެވެ. އަދި އެއްވެސް ގައުމަކާ ދެކޮޅަށް، އެއްވެސް މޭރުމަކުން ހަނގުރާމައެއް ކުރުމަށް ޗައިނާއިން ބޭނުން ނުވާކަން ޝީ ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ މާޗް 10 ވަނަ ދުވަހު ވޫހާންއަށް ވަޑައިގެންފަ/ފޮޓޯ: އެންވައިޕީ

ކޮވިޑް-19ގެ ބަލިމަޑުކަން ސިޔާސީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދެކޮޅު ހެދުމަށްވެސް ޝީ ވަނީ ގޮވާލައްވާފައެވެ.

ޖެއީރު ބޮލްސޮނާރޯ

ތިމާވެށީގެ ގާތިލުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯވެސް ވަނީ، ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ރިޒާވް ނުވަތަ އެމެޒަން ޖަންގަލި ހިމާޔަތް ކުރުމަށް އޭނާގެ ސަރުކާރުން ރެކޯޑް ދަރަޖައެއްގައި މަސައްކަތް ކޮށްފައި ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތިމާވެއްޓަށް ގެއްލުންދެވި ގައުމެއްގެ ގޮތުގައި ބްރެޒިލް ސިފަކުރާ ކުރުމަކީ، ވަރަށް ގޯސްކޮށް ހިނގާ ކަމެއް ކަމަށް ބޮލްސޮނާރޯ ވަނީ ސިފަކުރައްވާފައެވެ.

ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯއަކީ ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި އެޗްސީކިއު ޕްރޮމޯޓްކުރައްވާ ރައީސެއް/ފޮޓޯ: ރޮއިޓާޒް

ބްރެޒިލްއަކީ ދޮގު މައުލޫމާތުގެ ޝިކާރައަކަށް ވެފައިވާ ގައުމެއްގެ ގޮތުގައި ބޮލްސޮނާރޯ ވަނީ ސިފަކުރައްވާފައެވެ.

ރަޖަބު ތޮއްޔިބު އުރުދުގާން

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ގޮވާލެއްވީ ތުރުކިވިލާތާ ގްރީސްއާއި ދެމެދު ނުތަނަވަސްވެފައިވާ މަސްރަހު އިހުލާސްތެރި ކަމާއެކު ހައްލުކުރުމަށެވެ. މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުން ހަކަތައިގެ މުއްސަނދިކަން ހޯދުމުގައި ގްރީސްއާއި ތުރުކިވިލާތާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ހުޅަނގުން ކުރާ ހުރިހާ ފުރައްސަރައަކަށްވެސް އުރުދުގާން ވަނީ ދެކޮޅު ހައްދަވާފައެވެ.

އުރުދުގާން ވިދާޅުވީ މައްސަލަތަކަށް ހައްލު ހޯދުމުގައި ތުރުކީވިލާތުން އަސާސްތައް ބިނާ ކުރާނީ ބައިނަލްއަގުވާމީ ފެންވަރުގައި އެއްބަސްވުމަކަށް އައިސްފައިވާ ކަންކަމުގެ މައްޗަށް ކަމަށެވެ. އަދި އެއްވެސް ގައުމަކުން މި ރޫހާއި ހިލާފަށް ކުރާ ކޮންމެ ކަމާ ތުރުކީވިލާތުން ދެކޮޅު ހަދާ ކަމަށްވެސް އުރުދުގާން ވަނީ ފާހަގަކުރައްވާފައެވެ.

ޝައިހު ތަމީމު

ގަތަރުގެ އަމީރު، ޝައިހު ތަމީމު ބިން ހަމަދު އަލް ސާނީ ވަނީ، ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމަރާތް (ޔޫއޭއީ)، ބަހްރައިން އަދި މިސްރުން ގައިރު ގާނޫނީ ގޮތެއްގައި ގަތަރާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުން ގެނެސް، އެއްވެސް ޝަރުތަކާ ނުލާ ސުލްހައިގެ މަޝްވަރާތަކަށް ހާޒިރުވުމަށް ގޮވާލައްވާފައެވެ.

ގަތަރުގެ އަމީރު، ޝައިހު ތަމީމު ބިން ހަމަދު އަލް ސާނީ/ފޮޓޯ: ގަތަރު ނިއުސް އޭޖެންސީ

މީގެ އިތުރުން ފަލަސްތީނާއި އަރަބި ދުނިޔޭގެ ބިންތައް ހިސޯރުކޮށް އަޅުވެތި ކުރުމައިގެން އިސްރާއީލުން ކުރިއަށްދާއިރު، އެކަމާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނުކުރެފައި އޮތީ ކީއްވެތޯ ސުވާލު ކުރައްވާ، އެއީ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަނިވި ކަމެއް ކަމުގައިވެސް ގަތަރުގެ އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

ހަސަން ރޫހާނީ

އީރާނުގެ ރައީސް ހަސަން ރޫހާނީގެ އދގެ ތަގުރީރުވެސް އަމާޒު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދެއްވި ހަމަލާއެއްގެ މިސްރާބަށެވެ. އެގޮތުން، އެމެރިކާގެ ވެރިކަމާ ދެން ހަވާލުވެވަޑައިގަންނަވާނެ ރައީސްއަކީ، އެއްވެސް ޝަރުތަކާ ނުލާ އީރާނުގެ ސަރުކާރު ގަބޫލުކުރައްވާނެ ބޭފުޅަކަށް ވާންޖެހޭ ކަމަށް ރޫހާނީ ވިދާޅުވިއެވެ.

އީރާނަކީ އެމެރިކާގެ ދާހިލީ ސިޔާސީ ކުޅިބައިގައި ކޮޅުކޮޅަށް ދަމަން އޮތް "މަނާފުކެއް" ނޫން ކަމަށްވެސް ރޫހާނީ ވަނީ އިންޒާރު ކުރައްވާފައެވެ.

ވްލޭޑްމިއާ ޕޫޓިން

އދގެ 75 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ތަގުރީރުތަކުގައި އެންމެ ގިނަ ހަމަލާ އަމާޒުވި އެއް ލީޑަރަކީ ޓްރަމްޕްއެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ.

ރަޝިޔާގެ ރައިސް ވްލޭޑްމިއާ ޕޫޓިން (ރީނދޫ ހެޒްމެޓް ސޫޓްގައި) ކޮވިޑް-19ގެ ޕޭޝަންޓުންނަށް ޒިޔާރަތް ކުރައްވަނީ/ފޮޓޯ: ޕޮލީގްރާފް އިންފޯ

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންވެސް ވަނީ ޓްރަމްޕަށް ވަރުގަދަ ހަމަލާއެއް އަމާޒު ކުރައްވާފައެވެ. ޓްރަމްޕްގެ މޭސްތިރިކަމުގެ ދަށުން އެމެރިކާގެ އަސްކަރީ ގޮތްޕެއް، ޖައްވުގައި ރުކުރުވާލުމަށް ތައްޔާރުވެފައި ވާއިރު، އެއްވެސް ގައުމަކުން ޖައްވުގައި އަސްކަރީ ހަތިޔާރު ގެންގުޅުން މަނާ ކުރާ ބައިނަލްއަގުވާމީ މުއާހަދާއެއް އެކުލަވާލުމަށް ޕޫޓިން ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ޕޫޓިން ވަނީ ރަޝިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، އެއްވެސް އަގަކާ ނުލާ އދގެ ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވެފައިވާ މާލީ ހީނަރުކަން އަންގައިދެނީ، ވިޔަފާރިތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ޖެހިފައިވާ ކަން ކަމަށްވެސް ޕޫޓިންގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ.