ހިންދުކަނޑުގެ އެންމެ ނުފޫޒުގަދަ އެއް ގައުމުގެ ގޮތުގައި އޮތް އިންޑިއާގެ ކެރެލާ ސްޓޭޓުގެ އެރްނަކޫލަމް ޑިސްޓްރިކްޓްގައި އޮންނަ ކޮޗީ ނުވަތަ ކޮޗިންއަކީ ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. ލެކަޑިވް ކަނޑުގެ ބޯޑަރު ސަރަހައްދުން، އިންޑިއާގެ ހުޅަނގު-ދެކުނު ސަރަހައްދުގެ މައި ބަނދަރަކީވެސް ކޮޗިންއެވެ.

ކަނޑު ދަތުރުފަތުރުގެ ތާރީހަށް ބަލާއިރުވެސް ކޮޗިންއަކީ ރަން އަކުރުން ޖަރީ ކުރެވޭ ވަރުގަދަ ނަމެކެވެ. ދަތުރުވެރިންގެ ބަހުރުވައިން ދަންނަވަނީނަމަ ކޮޗިންއަކީ "އަރަބި ކަނޑުގެ ރާނީ" ގެ މަގާމުގައި އޮތް ނުފޫޒުގަދަ ސިޓީއެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މީލާދީން 14 ވަނަ ގަރުނުން ފަށައިގެން، ކޮޗިންއަކީ އެ ޒަމާނުގައި އެންމެ ގަދައަށް ކުރެވުނު ހަވާދުގެ ބާވަތްތަކުގެ ވިޔަފާރީގެ މަރުކަޒީ ސިޓީއެވެ. އަރަބި ވިޔަފާރިވެރިންގެ މެދުގައި ކޮޗިންއާއި މެދު އޮތް މަގުބޫލުކަމުގެ ތާރީހުގެ ސޮފްހާތައް، އެތައް އަހަރަކަށް ދެމިގެން ދެއެވެ.

ކެރަލާގެ ވިޔަފާރި ހަބް

ކޮޗިންއަކީ ވިލާތުގެ އިސްތިއުމާރީ ބާރުތަކުންވެސް އެސިޓީއަކަށް އަތްގަދަކުރި ސިޓީއެކެވެ. އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންވެ، ޒަމާނީ ވިޔަފާރިއަށް ބަނދަރުތައް ހުޅުވިގެން ދިއުމާއެކު، ޒަމާނީ ފަތުރުވެރިކަމުގައިވެސް ކެރެލާގެ އެންމެ މަގުބޫލު ސިޓީއަކީ ކޮޗިން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ދުނިޔޭގެ ނިސްބަތުން އެކުލަވާލާ ލިސްޓުތަކުންވެސް ކޮޗިން ޖާގަ ހޯދައެވެ.

ކޮޗިންއަކީ މާލީ، ވިޔަފާރި އަދި ސިނާއީ ރޮނގުން ބަލާއިރު ކެރެލާ ސްޓޭޓްގެ މައި ހަބެވެ. ކެރެލާ ސްޓޭޓަށް ބަލާއިރު އެންމެ މަތިން ޖީޑީޕީ ރެކޯޑް ކުރަނީވެސް ހަމަ މި ސިޓީއެވެ. ކޮޗިންގެ ވިޔަފާރި މެރިޓައިމް ފެސިލިޓީތަކަށް ބަލާއިރު، ޕޯޓް އޮފް ކޯޗީ ފާހަގަކުރެވެއެވެ. ބައިނަލްއަގުވާމީ ކަނޑުދަތުރުގެ ވިޔަފާރިގައި އެއްކޮޅުން އަނެއް ކޮޅަށް އުފުލާ ކޮންޓޭނަރުތަކަށް ހާއްސަ، ޓްރާންސްޝިޕްމަންޓް ޓާމިނަލެއް ކޮޗިންގައި އޮޕަރޭޓް ކުރެއެވެ. މީގެ އިތުރުން ތެޔޮ ސާފުކުރާ ރިފައިނަރީއެއްގެ އިތުރުން، މެރީނާއެއްވެސް ކޮޗިން ބަނދަރަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ކަނޑުން ނަފާ ހޯދުމަށް ހާއްސާ އިދާރާއެއް ކޮޗިންގައި ގާއިމުވެފައި އޮވެއެވެ. މީގެ އިތުރުން ރުއްދަނޑުގެ ވިޔަފާރި ކުރިއެރުވުމުގައި ކޮޗިންގެ ނަން ފާހަގަކުރެވެއެވެ.

އިންޑިއާގެ ކޮޗިންގެ ބަނދަރު ސަރަހައްދު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ވިކިމީޑިއާ ކޮމަންސް

އިލްމީ ރޮނގުން ބެލި ކަމުގައި ވީ ނަމަވެސް، ކޮޗިން ހާއްސައެވެ. އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ފިޒިކަލް އެންޑް އޯޝިއަނޮގްރަފިކް ލެބް ގާއިމުކޮށްފައި ހުންނަނީ ކޮޗިންގައެވެ. މީގެ އިތުރުން އިންޑިއާގެ މެރިޓައިމް ޔުނިވާސިޓީވެސް ހުރީ ކޮޗިންގައެވެ.

ކޮޗިންގެ އިގުތިސޯދު

ކުރިންވެސް ދެންނެވި ފަދައިން، ކޮޗިންއަކީ ކެރެލާގެ ވިޔަފާރި މަރުކަޒެވެ. މިފަހުގެ އަހަރުތަކަށް ބަލާއިރު ވަރުގަދަ އިންވެސްޓްމަންޓްތަކެއް، ކޮޗިންގެ ސަފުހާތަކުން ޖާގަ ހޯދައިފިއެވެ. ގާއިމުކޮށްފައިވާ ހަރުދަނާ ޓެކްސްގެ ނިޒާމާއެކު ކޮޗިންއަށް ލިބޭ އާމްދަނީވެސް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ކެރެލާ ސްޓޭޓްގެ ޖީޑީޕީގެ 41.74 ޕަސެންޓް ހިއްސާކުރަނީ ކޮޗިންއިންނެވެ. ކޮޗިންގައި އެންމެ ކުރިއަރާފައިވާ ދާއިރާތަކުގެ ތެރޭގައި އުމްރާނީ ބިނާވެށީގެ ސިނާއަތާއި، އުފެއްދުންތެރިކަމުގެ ސިނާއަތާއި، ފަތުރުވެރިކަމާއި މެހެމާންދާރީގެ ސިނާއަތް ފާހަގަކުރަންޖެހެއެވެ. މީގެ އިތުރުން ބޯޓުފަހަރު ބަނުމާ ކަނޑުދަފަތުރުގެ ވިޔަފާރީގެ ސިނާއަތުގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށްވެސް ނެތެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި ކޮޗިންއަކީ އިންޑިއާގައި ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ.

އިންޑިއާގެ ކޮޗިންގެ ޝިޕްޔާޑް ސަރަހައްދު/ފޮޓޯ: ޖީ ކެޕްޓަން

ކޮޗިން ޕޯޓް

ކޮޗިން ޕޯޓް ނުވަތަ ކޮޗީ ޕޯޓަކީ އަރަބި ކަނޑާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ މައި ބަނދަރެކެވެ.

ކޮޗިން ޕޯޓަކީ ގުދުރަތީ ބަނދަރެކެވެ. މި ބަނދަރު އުފެދުނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުންނެވެ. މާޒީއަށް ބަލާއިރު، މިއީ ވިލާތުގެ ދަތުރުވެރި ވިޔަފާރިވެރިންގެ ހިތް އަތުލި ބަނދަރެކެވެ. އޭރުގެ އިސްތިއުމާރީ ބާރުތަކުގެ ރާޑަރުން ކޮޗިން ޕޯޓް ކައްސާ ނުލައެވެ. ޒަމާނީ ބަނދަރެއްގެ ގޮތުގައި މި ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ފެއްޓެވީ އިނގިރޭސިވިލާތުގެ ސިޔާސީ ގަވަރުނަރެއް ކަމަށްވާ ފްރީމަން ފްރީމަން-ޓޮމަސް، މެޑްރާސް ޕްރޮވިންސްގެ ގަވަރުނަރުގެ މަގާމު އަދާކުރެއްވި ދުވަސްވަރުއެވެ.

މިއަދު މިފެންނަ ކޮޗިން ޕޯޓަކީ އިންޑިއާގެ ފުރަތަމަ ޓްރާންސްޝިޕްމަންޓް ބަނދަރުވެސްމެއެވެ. މިއީ އަދާ ޖެހުނުއިރުވެސް އިންޑިއާގައި އޮތް މިފަދަ އެންމެ ބޮޑު ބަނދަރެވެ. މި ބަނދަރު އޮންނަނީ ކޮޗިންގެ ދެ ރަށެއް ކަމަށްވާ ވިލިންގްޑަން އައިލަންޑްއާއި ވައްލާރުޕަޑަމްއާއި ގުޅި،ލަކަޑިވް ކަނޑުގެ ސަރަހައްދަށް ހުޅުވިފައެވެ. ކޮޗިން ޕޯޓްގެ ކަންކަން ވިލަރެސް ކުރަނީ ކޮޗިން ޕޯޓް ޓްރަސްޓް (ކޮޕްޓް) އިންނެވެ. މިއީ 1928 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ، އިންޑިއާ ސަރުކާރުގެ މުއައްސަސާއެކެވެ.

އިންޑިއާގެ ކޮޗިންގެ ބަނދަރު ސަރަހައްދު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އިކޮނޮމިކް ޓައިމްސް

ކޮޗިން ޕޯޓަކީ ކޮޗީ ސިޓީގެ މެރިޓައިމް ސިނާއަތުގެ އެއް ބައެވެ. މިފަދަ އިތުރު ފެސިލިޓީޓައްވެސް ކޮޗިންގައި އެބަ ހުއްޓެވެ. އެގޮތުން، ކޮޗިން ޝިޕްޔާޑް ފާހަގަކުރަންޖެހެއެވެ. މިއީ ބޯޓުފަހަރު ބަނުމާއި މެއިންޓަނަންސް މަސައްކަތަށް ހާއްސަކޮށްގެން އިންޑިއާގައި އޮޕަރޭޓް ކުރާ އެންމެ ބޮޑު ބޯޓުޔާޑެވެ.

އިގުތިސޯދީ ތަނަވަސް ކުރިމަގު

ވިޔަފާރިއާއި އިގުތިސޯދީ ސިނާއަތުގެ އިންގިލާބީ ބަދަލެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) މޮޑެލްގެ ދަށުން، ކޮޗިންގައި 4 ސަރަހައްދެއް ކަނޑައަޅާފައި އޮވެއެވެ. އޭގެ ތެރޭގައި ކޮޗިން ސްޕެޝަލް އިކޮނޮމިކް ޒޯން، އިންފޯޕާކް، ސްމާޓްސިޓީ އަދު ޕުތުވައިޕް ހިމެނެއެވެ.

2025 ވަނަ އަހަރު އަންނައިރު މުޅި ދުނިޔޭގެ އިގުތިސޯދީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 50 ޕަސެންޓް ހިއްސާކުރާ 440 ސިޓީގެ ތެރޭގައި ކޮޗިން ހިމެނެއެވެ.