ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަންނަ މަގު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފިއެވެ.
ވެލާނާ އެއާޕޯޓު ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
އެގޮތުގެ 4 ފޭސްއަކަށް ބަހާލައިގެން މި މަހު 7 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އަދި މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރުކުރުމުގައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށް ވެއެވެ. އޭގެ އިތުރުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއިރައްކާތެރިކަމަށް މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި މާކިންތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އެގޮތުން އާ ޓާމިނަލާއެކު، ހިދުމަތްތައް ފުޅާކޮށް، އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ގާއިމްކޮށްފައެވެ.