ޒަކާތު ހައުސްއިން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ނިމިދިޔަ މެއި މަހު 3.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ މޭ މަހުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މެއި މަހު ޒަކާތު ފަންޑަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 1،456،703.07 ރުފިޔާ ވަނީ ހަމަޖެހިފައެވެ. އަދި އެމަހު ހަރަދުކޮށްފައިވަނީ 3،903،704.36 ރުފިޔާއެވެ.
ޒަކާތު ހައުސް އިން ބުނީ މެއި މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، އޭގެތެރެއިން އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް 619،264.57 ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވާކަމަށް ވަނީ ބުނެފައެވެ.
ދެވަނަ އަށް އެންމެ ގިނައިން ޒަކާތު ހައުސްއިން އެހީ ހަމަޖައްސައިދީފައިވަނީ ހިތުގެ ބަލިތަކަށެވެ. އެގޮތުން ހިތުގެ ބަލިތަކަށް ޖުމުލަ 72،088.50 ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ. ޒަކާތު ހައުސްއިން އެހީ ހަމަޖައްސައިދިން އެހެން ބަލިތައް:
- ސިކުނޑީގެ ބަލިތަކަށް: 55،126.50 ރުފިޔާ
- ޓްރާންސްޕްލާންޓް: 50،886 ރުފިޔާ
- ފުއްޕާމޭގެ ބަލިތަކަށް: 16،962 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް:21،835.50 ރުފިޔާ
- އެހެނިހެން ބަލިތަކަށް: 620،540 ރުފިޔާ
މީގެއިތުރުން ޒަކާތު ހައުސް އިން ވަނީ ގުރުއާން ހިތުދަސް ކުރުމަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 660،455.56 ރުފިޔާ ހަރަދުކޮށްފައެވެ. އަދި ދީނީ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށްވެސް ވަނީ 251،096.62 ރުފިޔާ ހަރަދުކޮށްފައެވެ.
"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގުމަށް ހަމަޖެހިފައިވާ އިދާރާއެކެވެ.