އިންފްލަމޭޝަންގެ އަސަރު ކުޑަކުރުމަށް ދޭ ބޭހެއްގެ އެހީގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބައެއް ޕޭޝަންޓުންނަށް ލުއި ލިއްބައިދޭ ކަމަށް ބޭސް އުފައްދާ ކުންފުންޏަކުން ހާމަކޮށްފިއެވެ.

ހިސްޕެނިކް އަދި ކަޅު ނަސްލުގެ މީހުން ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ދިރާސާއާއި ހަވާލާދީ ރޯޝް އިން ބުނީ، އިންފްލަމޭޝަންގެ އަސަރު ކުޑަކުރުމަށް ދޭ ޑްރަގްގެއްގެ ސަބަބުން، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ކޮވިޑް-19ގެ ބައެއް ޕޭޝަންޓުންނަށް ހިސާބެއްގެ ލުޔެއް ލިއްބައިދޭ ކަމަށާ، ނޭވާލުމަށް އިތުރު މެޝިންތަކެއް ގުޅަން ނުޖެހި ސަލާމަތް ކުރެވޭ ކަމަށެވެ.

ސުވިޓްޒަލަންޑްގައި މަރުކަޒުކޮށްފައިވާ ރޯޝް ކުންފުނިން ދިރާސާގައި ތަހުލީލުކުރީ ޓޮސިލިޒުމާބް ނަމަކަށް ކިއާ ޑްރަގްއެކެވެ. ރެމަޓޮއިޑް އާތްރައިޓިސްއާއި އަދިވެސް އެހެން ބަލިތަކަކަށް ފަރުވާ ކުރުމަށް މިހާރުވެސް ބޭނުން ކުރާ މި ބޭސް މިހާރު ވިއްކަނީ އެކްޓެމްރާއާއި ރޯއެކްޓެމްރާގެ ނަމުގައެވެ.

ސުވިޓްޒަލަންޑްގައި މަރުކަޒުކޮށްފައިވާ ރޯޝް ކުންފުނިން ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި ތަހުލީލު ކުރަމުންދާ ޑްރަގެއް/ފޮޓޯ: ތައި މެޑިކަލް ނިއުސް

ރޯޝް ކުންފުނީގެ ދިރާސާއަކީ މިނިވަން ސައެންސްވެރިންގެ ޓީމަކުން އަދި މުރާޖައާ ކޮށްފައިވާ ދިރާސާއެއް ނޫނެވެ. ކުރިއަށް ދެން އެޅެން އޮތް ފިޔަވަޅުތައް، ކަމާބެހޭ ފެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ކަމަށާ، ވަރަށް އަވަސް މުސްތަގުބަލެއްގައި ދިރާސާގެ ހޯދުންތައް އާންމު ކުރާނެ ކަމަށްވެސް ރޯޝް ކުންފުނިން ވަނީ ބުނެފައެވެ.

އައިވީއެއް މެދުވެރިކޮށް ހަށިގަނޑަށް ފޮނުވާލާ މި ޑްރަގްއަކީ، އިންޓަލޫކިން-6 ނަމަކަށް ކިއާ ޕްރޮޓީންއެއް މަދުކޮށްލާ ބޭހެކެވެ. މި މާއްދާއަކީ ކޮވިޑް-19ގެ ޕޭޝަންޓުންގެ ހަށިގަނޑުގައި އާދަޔާ ހިލާފަށް ގިނަވާ މާއްދާއެކެވެ.

މިއީ ކޮވިޑް-19ގެ ފަރުވާއާ ގުޅިގެން ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބުނު މިފަދަ 3 ވަނަ ޚަބަރެވެ. މިދިޔަ ހޯމަ ދުވަހު، އެލީ ލިލީއިންވެސް ވަނީ އެކުންފުނީގެ އެންޓި-އިންފްލަމޭޓަރީ ޑްރަގް ބެރިސިޓިނިބް އާއި އެންޓިވައިރަލް ޑްރަގެއް ކަމަށްވާ ރެމްޑެސެވިއާ އެއްކޮށްގެން ދިނުމުން ކުރިއެރުންތަކެއް ލިބޭ ކަމަށް ދިރާސާތަކުން ދައްކާފައި ވާ ކަން ހާމަކޮށްފައެވެ. އަދި އެކުންފުނީގެ އެންޓިބޮޑީ ޑްރަގްގެ ސަބަބުންވެސް އެދެވޭ ނަތީޖާތަކެއް ލިބޭ ކަމަށް އެލީ ލިލީ ކުންފުނިން ބުދަ ދުވަހު ވަނީ ބުނެފައެވެ.