ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން އިންސާނިއްޔަތުގެ ކާރިސާ ދަރަޖައަށް ގޮސްފައިވާ ޔަމަނު ބަނޑަށް ޖެހިދާނެ ބިރުވެރިކަން އަނެއްކާވެސް ވަށާލާފައިވާކަމުގެ އިންޒާރު، އިންސަނީ އެހީއާ ބެހޭ އދގެ އިސްވެރިޔާ މެޓް ލޯކޮކް ދެއްވައިފިއެވެ.

ހަމަ މިއާއެކު ލޯކޮކް ވަނީ، ޔަމަނު ހާލުގައި ޖެހިފައިވާއިރު އެ ގައުމަށް އެހީގެ ގޮތުގައި ބޭނުންވެގެން އިއުލާންކޮށްފައިވާ 3.4 ބިލިއަން ޑޮލަރުގެ ފަންޑަށް، ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމަރާތް (ޔޫއޭއީ) އަދި ކުވައިތުން މިއަހަރު އެއްވެސް ވަރެއްގެ އެހީއެއް ދީފައި ނުވާ ކަން ފުރަތަމަ ފަހަރަށް ހާމަ ކުރައްވާފައެވެ.

އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގެ މަސްރަހާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ލޯކޮކް ވިދާޅުވީ މީގެ 2 އަހަރެއްހާ ދުވަސް ކުރިން ޔަމަނު ބަނޑަށް ޖެހިދާނެ ކަމަށް އުފެދުނު ނުތަނަވަސްކަމަށް ލުއި ލިބިގެން ދިޔައީ، ޔަމަނަށް އެހީގެ ގޮތުގައި ބޭނުން ވެގެން އދއިން އިއުލާން ކުރި ފަންޑުގެ 90 ޕަސެންޓް، އެހީދޭ ގައުމުތަކުން ހަމަޖައްސާ ދިނުމުން ކަމަށެވެ. މި އެހީއާއިއެކު ޔަމަނުގައި 8 މިލިއަން މީހުންނަށް ފޯރުކޮށްދެމުން ދިޔަ އެހީ، 12 މިލިއަން މީހުންނަށް ފޯރުކޮށްދެވޭ ގޮތް ވެ، އެތައް މިލިއަން ފުރާނައެއް ސަލާމަތް ކުރެވުނު ކަމަށް ލޯކޮކް ވިދާޅުވިއެވެ.

ހަނގުރާމަ ދިގުލާ ގޮސްފައިވާ ޔަމަނުގައި ކޮވިޑް-19 އަށް އިންފެކްޓްވި މީހުންގެ ތެރެއިން 4 ބައިކުޅަ 1 ބައި މީހުން އެބަލީގައި މަރުވި/ފޮޓޯ: ގެޓީއިމޭޖަޒް

ޔަމަނަށް އެހީގެ ގޮތުގައި މިހާރު ބޭނުންވާ ފައިސާއަށް ބަލާއިރު ހަމަޖެހިފައިވަނީ އެންމެ 30 ޕަސެންޓް ކަމަށާ، އެއީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުކަމަށް ލޯކޮކް ވިދާޅުވިއެވެ. މިއާއެކު ޔަމަނުގައި ފޯރުކޮށްދެމުންދާ ފެނާއި ކާބޯތަކެއްޗާއި ސިއްހީ ފަރުވާގެ އެހީގެ ނިޒާމަށް ބުރޫ އަރާ، 9 މިލިއަނެއްހާ މީހުންނަށް ތަކުލީފުތަކާ ކުރިމަތިލާންޖެހޭނެ ކަމަށްވެސް ލޯކޮކް ވަނީ ހާމަ ކުރައްވާފައެވެ.

ޔަމަނުގައި މިއަދު އުފެދިފައިވާ ހާއްސަ ހާލަތުގެ ޒިންމާ އުފުލަންޖެހޭ ގައުމުތަކެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ކުވައިތުގެ ނަން ވަކިން ފާހަގަކުރައްވަމުން ލޯކޮކް ވިދާޅުވީ، މިއަހަރުގެ ޕްލޭނަށް މި ގައުމުތަކުން އަދި އެންމެ ފައިސާ ފޮއްޗެއްވެސް ދީފައި ނުވާ ކަމަށެވެ.

ޔަމަނު ހަނގުރާމާގައި އަނިޔާ ލިބިފައިވާ ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ/ފޮޓޯ: އަނދޯލޫ

ބަޔަކަށް އެހީގެ ގޮތުގައި ފައިސާ ދޭނެ ކަމަށް ބުނުމަކީ، ހާލުގައި ޖެހިފައިވާ މީހުންނަށް އުއްމީދު އުފައްދަނިވި ކަމެއް ކަމަށާ، ނަމަވެސް އެކަން ފުރިހަމަ ކޮށްދިނުމަށް ފެއިލްވުމަކީ ކުށްވެރި ކުރާ ކަމެއް ކަމަށްވެސް އދގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. އިންސާނީ އެހީގެ އިޖާބައިގެ ގޮތުގައި ދޭންޖެހޭ ފައިސާ ހިފަހެއްޓުމަކީ އާއިލާތަކެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުން ފަދަ ކަމެއް ކަމަށް ލޯކޮކް ވަނީ ސިފަކުރައްވާފައެވެ. މިއާއެކު، ލޯކޮކް ވަނީ، އެހީ ފޯރުކޮށްދިނުމަށް ވައުދުވީ ގައުމުތަކުން އެ ވައުދުތައް ފުރިހަމަ ކުރުމަށްވެސް ގޮވާލައްވާފައެވެ.

ޔަމަނުގައި ދާހިލީ ފެންވަރުގައި 2014 ވަނަ އަހަރު ފެށި ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އެކުލަވާލި އަސްކަރީ ކޯލިޝަނުން ވަދެ، ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެފައިވާއިރު، 100000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ އުފެދިފައި އޮތް ތަނަކަށް ޔަމަނު ވަނީ ހަދާފައި ވާ ކަމީ ބައިނަލްއަގުވާމީ މުޖުތަމައުގެ އަގުލަބިއްޔަތު އިއްތިފާގު ވާ ކަމެކެވެ.