ނޭޕާލްއަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ހިނގި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް ވީނުވީ އެއް އަދިވެސް ވަނީ ގެއްލިފައެވެ.

ނޭޕާލް ސަރުކާރުގެ އެޑްމިނިސްޓްރޭޓާރު ބާބޫރާމް ޚަނާލް ވިދާޅުވީ، ބިންގަނޑުކަނޑައިގެން ދިއުމުގެ ޖަމާވެފައިވާ ފަސްތަކުގެ އަޑީގައި 15 މީހަކު ތާށިވެފައިވާކަމަށް ބެލެވޭ ކަމަށާ، އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާގައި ކަހައިގެން ދިޔަ ބައި، 3 އަވަށަކަށް ފެތުރިގެން ދިޔަ ކަމަށް ޚަބަރު ލިބެއެވެ. ބިންގަނޑުކަނޑައިގެން ގޮސް، ފެންގަނޑު ތެރެއިން ދެމުންދިޔަ އޮއެވަރުގައި ގެތަކާ މީހުންވެސް ދެމެމުން ދިޔަ ކަމަށް ނޭޕާލް ސަރުކާރުގެ އޮފިޝަލު މުރާރީ ވަސްތީ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހާ ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވާ މުއްދަތަކީ ނޭޕާލްއަށް މޫސުމީ ވިއްސާރަ ކުރާ ދުވަސްވަރެކެވެ. މި އަހަރުގެ މޫސުމީ ވިއްސާރާގައި ނެޕާލްއިން މަރުވި މީހުންގެ އަދަދު މިވަނީ 314 އަށް އަރާފައެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 111 އަށް އަރާފައިވާއިރު، ޒަހަމްވީ މީހުންގެ އަދަދު 160 އަށް އަރާ ކަމަށްވެސް ވަސްތީ ވަނީ ވިދާޅުވެފައެވެ.