ދިވެހިންގެ ލޭނާރު ކަމުގައިވާ ކަނޑުތަކަކީ ހަމައެކަނި ރީތި މަންޒަރެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމާއި، އިގުތިސާދާއި، ސަގާފަތުގެ މައިގަނޑު އަސާސެވެ. ޒަމާނުއްސުރެ އިންސާނުން ކަނޑުތައް ދެކެމުން އައީ ހަމައެކަނި ވަސީލަތްތަކެއް ހޯދާ ތަނެއްގެ ގޮތުގައެވެ. މަސްވެރިކަމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ބޭނުންތަކަށެވެ. ނަމަވެސް، މިއަދު ދުނިޔެ މިވަނީ މި ވިސްނުން ބަދަލުކުރަން ޖެހިފައެވެ.
މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރު؛ "ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން" ނުވަތަ ކަނޑުތަކާ މެދު އަޅުގަނޑުމެންގެ ވިސްނުން އާކޮށް، އާ ގުޅުމެއް ބިނާކުރުމުގެ ޝިއާރުން ގޮވާލަނީ، ކަނޑަކީ ހަމައެކަނި ވަސީލަތެއްގެ ބަދަލުގައި، ދުނިޔޭގެ ދިރުން ދަމަހައްޓައިދޭ ނިޒާމެއްގެ ގޮތުގައި ބަލައިގަތުމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ދިރުންތައް ނެތިދިއުމާއި، އިންސާނުންގެ ސަބަބުން ކަނޑުތަކަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަނޑުތަކާ މެދު އަޅުގަނޑުމެން އަމަލުކުރާ ގޮތް ބަދަލުކުރުމަކީ މަޖުބޫރު ކަމެކެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް މިކަން ވަކިން މުހިންމެވެ. ސަބަބަކީ އަޅުގަނޑުމެންގެ ކެއިންބުއިމާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ސީދާ ގޮތެއްގައި ގުޅިފައިވަނީ ކަނޑުގެ ދިރުންތަކުގެ ސިއްހަތާ ކަމަށްވާތީއެވެ.
ދުނިޔޭގެ ސަތަހައިގެ 70 އިންސައްތައަށް ވުރެ ބޮޑު ބައެއް ހިއްސާކުރާ ކަނޑުތަކުން، ދުނިޔޭގެ މޫސުން ހަމަޔަކަށް އަޅުވައިދީ، އަޅުގަނޑުމެން ނޭވާލާ އޮކްސިޖަންގެ ބޮޑު ބައެއް އުފައްދައިދެއެވެ. އަދި ޖައްވަށް ދޫކުރެވޭ ކާބަންޑައިއޮކްސައިޑްގެ ބޮޑު މިންވަރެއް އޭގެ ތެރެއަށް ދަމައިގަނެ، ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ދިރިއުޅުން އާރާސްތުކޮށްދެއެވެ. އެހެންނަމަވެސް، މި މުހިންމުކަމާއެކުވެސް، ކަނޑުތަކަށް މިއަދު ވަނީ އިންތިހާއަށް ނުރައްކާވެފައެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، ފަރުތައް ހުދުވުމާއި، ކަނޑުތައް ތަގައްޔަރުވުމާއި، ހައްދުން ނެއްޓި މަސްވެރިކަން ކުރުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ ނިޒާމުތައް ދަނީ ވަރަށް ހަލުވިކަމާއެކު ހަލާކުވަމުންނެވެ. ސައިންސްވެރިން އިންޒާރުދެއްވާ ގޮތުގައި، އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ދުނިޔޭގެ ކަނޑުތަކުގެ ސިއްހަތު އިތުރަށް ގޯސްވެ، ކާބޯތަކެތީގެ ޔަގީންކަމަށާއި، އިގުތިސާދުތަކަށާއި، އައްސޭރިފަށުގެ މުޖުތަމައުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތިރި ރަށްތަކަށް ނުރައްކާވަމުންދާއިރު، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. 2026 ވަނަ އަހަރު ނޭޝަނަލް އޯޝެނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވަނީ 29.92 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. މިއީ ފަރުތައް ހުދުވުމުގެ ނުރައްކާ ބޮޑު މިންވަރެކެވެ. ނޯއާގެ ކޮރަލް ރީފް ވޮޗް އިން ދައްކާ ގޮތުގައި، މިއީ އާންމު މިންގަނޑަށްވުރެ 0.52 ޑިގްރީ ސެލްސިއަސް މަތީ އަދަދެކެވެ.
ފަރުތަކަކީ ހަމައެކަނި ފަތުރުވެރިން ޝައުގުވެރިކުރުވާ ތަނެއް ނޫނެވެ. އެއީ ރަށްރަށް ގިރުމުން ސަލާމަތްކޮށްދޭ ގުދުރަތީ ތޮށިގަނޑުވެސް މެއެވެ. އެހެންކަމުން، ފަރުތައް ހަލާކުވުމަކީ ތިމާވެށީގެ ގޮތުންނާއި އިގުތިސާދީ ގޮތުންވެސް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެކެވެ.
ކަނޑުތަކާ މެދު އޮންނަ ގުޅުން އާލާކުރުމަކީ ހަމައެކަނި ސަރުކާރުތަކުން ނުވަތަ ބޮޑެތި ޖަމިއްޔާތަކުން ކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ކުދިކުދި ބަދަލުތަކަކުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ބޮޑު އެހީތެރިކަމެއް ވެދެވިދާނެއެވެ. ބްލޫ އިކޮނޮމީ ނުވަތަ ނޫ އިގުތިސާދުގެ ތެރެއިން އާންމު ފަރުދުންނަށްވެސް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. މިގޮތުން އާންމު ދިރިއުޅުމުގައި އަމަލުކުރެވިދާނެ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
- އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުން: ޕްލާސްޓިކް ކޮތަޅާއި، ފުޅި އަދި ހޮޅި ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލައި، އަލުން ބޭނުންކުރެވޭ ތަކެތި ގެންގުޅުމަށް އާދަކުރާށެވެ. މީގެ ސަބަބުން ކަނޑަށް އެޅޭ ޕްލާސްޓިކްގެ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ.
- ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް ހިތްވަރުދިނުން: ކެއުމަށް ބޭނުންކުރާ މަހަކީ ދޮށީގެ މަސްވެރިކަމުން ނުވަތަ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބާނާފައިވާ މަސްކަން ޔަގީންކުރާށެވެ. ބޮޑުދަލުގެ މަސްވެރިކަމުން ބާނާފައިވާ ތަކެތި ގަތުމުން ދުރުހެލިވާށެވެ.
- ފަރުތަކަށް ގެއްލުން ނުދޭ ސަންސްކްރީން ބޭނުންކުރުން: މޫދަށް އެރޭއިރު ބޭނުންކުރާ ސަންސްކްރީން އަކީ އޭގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން މުރަކަތަކަށް ގެއްލުން ނުދޭ (ރީފް-ސޭފް) އުފެއްދުމެއްތޯ ބަލާށެވެ. މިއީ ފަރުތައް ހުދުވުމުން ސަލާމަތްކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.
- ތިމާވެއްޓާ ރައްޓެހި ވިޔަފާރިތަކަށް އިސްކަންދިނުން: ޗުއްޓީ ހޭދަކުރުމަށާއި އެހެނިހެން ބޭނުންތަކަށް ތަންތަން އިހުތިޔާރުކުރާއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ އަދި ކުނި މެނޭޖުކުރުމުގެ ރަނގަޅު ނިޒާމުތައް ގާއިމުކޮށްފައިވާ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އިސްކަންދޭށެވެ. މިއަދު ރާއްޖޭގެ ގިނަ ރިސޯޓުތަކުން އަންނަނީ ސޯލާ ހަކަތަ ބޭނުންކުރަމުންނެވެ.
- ފަރުތައް އާލާކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުން: ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާށެވެ. އަމިއްލަ ރަށުގައިވެސް މިފަދަ ހަރަކާތްތައް ފެށިދާނެއެވެ.
މި ބަދަލުތައް ގެނައުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑެވެ. މުސްތަގުބަލުގެ ލީޑަރުންނާއި، ސައިންސްވެރިންނާއި، ވިޔަފާރިވެރިން އަދި ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ ހައިސިއްޔަތުން، އިގުތިސާދީ ކުރިއެރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ހަމަހަމަކުރާނެ ހައްލުތައް ހޯދުމުގައި ޒުވާނުންގެ ދައުރު މުހިންމެވެ. ތައުލީމާއި އާންމު ހޭލުންތެރިކަމަކީ ކަނޑުގެ އަގު ވަޒަންކުރުމަށާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ބާރުއަޅާ ޒިންމާދާރު އަމަލުތަކަށް މަގުފަހިކޮށްދޭނެ ކަންކަމެވެ. ކަނޑުތަކުގެ މައްސަލަތަކަކީ ވަކި ގައުމަކަށް އެކަނި ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. ކަނޑުގެ އޮއިވަރުތަކުން ބައްރުތައް ގުޅުވައިދޭ ފަދައިން، ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށްވެސް ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރަން ޖެހެއެވެ.
ކަނޑުތަކާ މެދު އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރުމަކީ ހަމައެކަނި ތިމާވެށީގެ ލަނޑުދަނޑިއެއް ނޫނެވެ. ދިވެހިރާއްޖެ ފަދަ، ގައުމީ އައިޑެންޓިޓީއާއި ދިރިހުރުން ކަނޑާ ގުޅިފައިވާ ގައުމަކަށް މިއީ މަޖުބޫރު ކަމެކެވެ. ކަނޑުގެ ސިއްހަތު ތަރައްގީގެ މައިގަނޑު އަސާސަކަށް ހަދައިގެން މެނުވީ، އަންނަން އޮތް ޖީލުތަކަށް މި ރީތި ޖަޒީރާ ގައުމު ސަލާމަތްކަމާއެކު ފޯރުކޮށެއް ނުދެވޭނެއެވެ.
