ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އިން ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިހެން ވިދާޅުވެފައި މި ވަނީ ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ 62 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ގްލޯބަލް ސެންޓަ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އާއި ރޮބާޓް ބޯޝް ޝްޓިފްޓުން އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ރައިޒިން ސީސް، ރައިޒިން ރިސްކްސް: ހައު ޓު ރެސްޕޮންޑް ޓު ދަ މަލްޓިޑައިމެންޝަނަލް ސެކިއުރިޓީ ޗެލެންޖަސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގެ ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނަމަވެސް، އޭގެ ނޭދެވޭ އަސަރުތައް އެކި ގައުމުތަކަށް ކުރަނީ އެކި މިންވަރަށް ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މީގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި، އިގްތިސޯދީ ހަމަޖެހުމާއި މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ސީދާ އަސަރު ކުރާ ކަމެއްކަމަށް ހަލީލް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ގައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމު ކަން ވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހަލީލްގެ ވާހަކަ ނިންމަވާލައްވަމުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.